ކުޅިވަރު
ކޭން އާއި އޮލީސޭގެ ގޯލުތަކުން ބެޔާންއިން ވާދަވެރި ޑޯޓްމަންޑް ބަލިކޮށްފި
ގޯލު ކާމިޔާބުކުރުމަށްފަހު ކޭން އުފާފާޅުކުރަނީ---
ފަރުދުން
19 އޮކްޓޯބަރު 2025، 07:56
19 އޮކްޓޯބަރު 2025، 07:56
ބެޔާން މިއުނިކްގެ ގޯލް މެޝިން، ހެރީ ކޭން އާއި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މައިކަލް އޮލީސޭގެ ގޯލުތަކުން، ބެޔާންއިން ވާދަވެރި ބޮރީޝިއާ ޑޯޓްމަންޑު ބަލިކޮށްފިއެވެ.
ބެޔާންގެ އެލިއެންޒް އެރީނާގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1އިންނެވެ.
މި މެޗުގައި ބެޔާންއިން ލީޑު ނެގީ 22ވަނަ މިނެޓުގައި ކޭން ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ މެދުކެނޑުމެއްނެތި، އޭނާ ގޯލު ކާމިޔާބުކުރި 7ވަނަ މެޗެވެ.
ބެޔާންއިން އެ ޓީމުގެ ލީޑު ފުޅާކުރީ 79ވަނަ މިނެޓުގައި އޮލީސޭ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ފަހުން މެޗު ނިމެން 6 މިނެޓަށްވެފައި ވަނިކޮށް ޑޯޓްމަންޑުގެ ހޫލިއަން ބެންޑް ވަނީ އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައެވެ.
މި ނަތީޖާއާއެކު ބެޔާން އޮތީ ސައްތައިން ސައްތަ ރެކޯޑަކާއެކު ލީގުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއްގައެވެ.
އަދި ޑޯޓްމަންޑްއާ ދެކޮޅަށް ހޯދި ކާމިޔާބާއެކީ، ބެޔާން މިވަނީ މި ސީޒަންގައި ކުޅުނު 11 މެޗުން ވެސް މޮޅުވެފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން، ބެޔާންއަށް މިހާތަނަށް 104 ގޯލު ކާމިޔާބުކޮށްދީފައިވާ ކޭން ބުނީ، ޑޯޓްމަންޑު ބަލިކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އެއީ އެ ޓީމު އަދި މި ސީޒަނުގައި ލީގު މެޗަކުން ބަލިވެފައި ނުވުމުންނެވެ.
މި ސީޒަންގައި ބެޔާން ކުޅުނު 11 މެޗުން ކޭން ވަނީ 19 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ރޭގެ މެޗުގައި ޑޯޓްމަންޑު ކޮޅަށް ކާމިޔާބުކުރި ގޯލަކީ، ކްލަބް ލެވެލްގައި އޭނާ ކާމިޔާބުކުރި 400ވަނަ ގޯލެވެ.