ޚަބަރު
ޝަހީދު ޢަލީ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭ އިމާދުއްދީން ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ: ސަން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ތަޢުލީމީ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.
2026 ވަނަ އަހަރުގެ ދިރާސީ އަހަރު، ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ އާ ސްކޫލު، ޝަހީދު އަލީ ސްކޫލަށް ގްރޭޑް 1 އިން 10 އަށް ވަނުމަށް ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައި. pic.twitter.com/zxCOeTW80A
— Ministry of Education (@MoEdumv) October 20, 2025
މި ސްކޫލަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމަށް ހުޅުވުމަށް ތައްޔާރުވަމުންދާ ސްކޫލެކެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގްރޭޑް 1 އިން 10 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މި ފުރުޞަތުގައި، ދަރިވަރުން މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ. ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
މި ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ އައު ދިރާސީ އަހަރާއެކު ސްކޫލްގައި ކިޔަވައިދިނުން ފެށުމަށް ވަނީ ރޭވިފައެވެ.
ތަޢުލީމީ ވުޒާރާއިން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، މި ސްކޫލްގައި އެއް ދަންފަޅިއަށް 1500 ދަރިވަރުންނަށް ޖާގަ ލިބޭނެއެވެ. ނަމަވެސް 2 ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ދަރިވަރުންނަށް ޖާގަ ލިބޭނެއެވެ.
ޝަހީދު އަލީ ސްކޫލްގެ އިމާރާތުގައި 54 އޭސީ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް، އަދި ޓާފް ދަނޑެއް ހިމެނޭނެއެވެ. މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މި ސްކޫލްގެ މަސައްކަތް ކުރިއަށްދަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ