ދުނިޔެ
ލަމްޕީ ސްކިން ބަލި ފެތުރުމާ ގުޅިގެން ސްޕެއިންއިން ދިރޭ ޖަނަވާރު އެކްސްޕޯޓް ކުރުން މަނާކޮށްފި

ގެރިބަކަރި ގެންގުޅޭ ތަނެއް---
ލަމްޕީ ސްކިން ބަލި ފެތުރެމުންދާތީ ސްޕެއިންނަށް ދިރޭ ޖަނަވާރު އެކްސްޕޯޓް ކުރުން މަނާކޮށްފިއެވެ.
ސްޕެއިންގެ އެގްރިކަލްޗަރ މިނިސްޓަރ ލުއިސް ޕްލާނަސް މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ގެރި ބަކަރިން ފެތުރޭ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ލަމްޕީ ސްކިން ބަލި ފެތުރެމުންދާތީ، ވަގުތީ ގޮތުން ދިރޭ ގެރި އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފައެވެ.
ލަމްޕީ ސްކިން ބައްޔަަކީ މަދިރި އާއި އެހެނިހެން ސޫފާސޫފީގެ ޒަރިއްޔާއިން ގެރި އާއި ގޮނަށް ޖެހޭ ވައިރަސް ބައްޔެކެވެ. މި ބަލީގެ ސަބަބުން ގައިގައި ފެން ބިހި އުފެދި، ޖަނަވާރުތަކުގައި ކިރުއުފެއްދުން މަދުވެއެވެ. މިއީ އިންސާނުންނަށް ނުރައްކާވާ ބައްޔެއް ނޫނެވެ. ނަމަވެސް މިބަލީގެ ސަބަބުން ޖަނަވާރުގެ ވިޔަފާރީގެ ގުޅުންތަކަށް ހުރަސްތަކެއް އެޅި، އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
މިނިސްޓަރ ޕްލާނަސް ވިދާޅުވި ގޮތުގައި، "ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ވަނީ ވަގުތީ ގޮތުން ދިރޭ ޖަނަވާރު އެކްސްޕޯޓް ކުރުން ހުއްޓާލާފައި. ފްރާންސްއިން ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައި."
ފްރާންސްއިން ވަނީ ހުކުރު ދުވަހު ގެރި އެކްސްޕޯޓް ކުރުމާއި، ބުލްފައިޓިންގ ފަދަ ހަރަކާތްތައް ވެސް މަނާކޮށްފައެވެ.
ސްޕެއިންގެ އުތުރު އިރުމަތީގައި އޮންނަ ޖިރޯނާ ސަރަހައްދުގެ ޑެއިރީއެއްގައި 123 ގެރިއަކުން މި ބަލި ފުރަތަމަ ފާހަގަކުރެވުނީ އޮކްޓޯބަރު 1 ވަނަ ދުވަހު، ތިން ގެރިއެއްގައި މި ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ.