ކުޅިވަރު
މި ސީޒަންގައި ފެނުނު ބެލިންހަމްގެ ފުރަތަމަ ގޯލާއެކު މެޑްރިޑުން ޔުވެންޓަސް ބަލިކޮށްފި
ޔުވެންޓަސް ކޮޅަށް ޖޫޑް ބެލިންގްހަމް ކާމިޔާބުކުރި ގޯލަކީ، ކްލަބް ވޯލްޑް ކަޕަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލު---
ކޮނޑުހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ހެދި ސާރޖަރީއަކަށްފަހު، މެޗް ފިޓްނަސް ދަށްވެ، މި ސީޒަންގައި ކުޅުމުގެ ތެރެއަށް އަދި ރަނގަޅަށް ނުވަދެވިގެން އުޅޭ ޖޫޑް ބެލިންގްހަމް ކާމިޔާބުކުރި ގޯލަކުން، ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ޔުވެންޓަސް 1-0އިން ބަލިކޮށްފިއެވެ.
ސީޒަންގައި މިހާތަނަށް ހަތަރު މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެލިންގްހަމް ކުޅެން ނިކުމެފައިވާއިރު، އޭނާ ފަށާފައިވަނީ ތިން މެޗެއްގައި އެކަންޏެވެ. އަދި ޔުވެންޓަސް މެޗުގެ ކުރިން ޔޫރަޕްގައި ކުޅުމުގެ ފުރުސަތު އެންމެ 10 މިނެޓަށް ލިބުނުއިރު، ކްލަބް ވޯލްޑް ކަޕްގެ ފަހުން ގޯލެއް ވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ޔުވެންޓަސް ކޮޅަށް ބެލިންގްހަމް ކާމިޔާބުކުރި ގޯލަކީ، ވާތް ފަރާތުން ތިން ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ވިނީސިއަސް ޖޫނިއަރ ގޯލަށް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު، ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ 57ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ، ރޭގެ މެޗުގައި ބެލިންގްހަމް ދެއްކީ ވަރަށް މޮޅު ކުޅުމެއްކަމަށާއި، ލީގުގައި ގެޓާފޭއާ ދެކޮޅަށް ދެއްކި ކުޅުމަށް އޭނާ ހިންހަމަޖެހޭ ކަމަށާއި، އަދި އެއަށްވުރެ ބޮޑަށް ޔުވެންޓަސް މެޗުގައި ދެއްކި މޮޅު ކުޅުމަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ރޭގެ މެޗު ފަށައިގެން ޔުވެންޓަސްއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއްގައި މެޑްރިޑްގެ ގޯލްކީޕަރު، ތިއާބަތު ކޯޓްވާ ހާސްކޮށްލިއިރު، އޭގެ ފަހުން ފުރަތަމަ ހާފުގައި އެކަނި ވެސްމެޑްރިޑުން ޔުވެންޓަސްގެ ގޯލަށް 14 ހަމަލާއެއް ފޮނުވާލިއެވެ. އެ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ކީލިއަން އެމްބައްޕޭއެވެ. ނަމަވެސް އެ ހަމަލާ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިއީ އޯގަސްޓުގެ ފަހުން އެމްބައްޕޭއަށް ގޯލެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ މެޗެވެ.
މި ނަތީޖާއާއެކު، 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް އޮތީ ލީގު ފޭސްގެ ފަސްވަނައިގައެވެ.