ވިޔަފާރި / ޚަބަރު

އެއަރލައިން ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭގޮތަށް ޤަވާއިދު ވަރަށް އަވަހަށް ނެރޭނަން : ވަޒީރު އަމީން

އެއަރލައިން ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭގޮތަށް ޤަވާއިދު ވަރަށް އަވަހަށް ނެރޭނަން : ވަޒީރު އަމީން

އެމިރޭޓްސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޮކްޓޯބަރު 2025، 10:42

23 އޮކްޓޯބަރު 2025، 10:42

ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށްކަމަށް ބަޔާންކޮށް، އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުން ލިބޭ އިޤްތިޞާދީ ފައިދާ ދިވެހި ވިޔަފާރިތަކަށް ލިބި، ސިނާއަތް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

ވަޒީރު މުޙައްމަދު އަމީން މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ، އެއަރ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށެވެ. މި ގަވާއިދުގެ ދަށުން އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުން (ޖީ.އެސް.އޭ)، ފަސިންޖަރ ސޭލްސް އެޖެންޓުން (ޕީ.އެސް.އޭ) އަދި ކާގޯ ސޭލްސް އެޖެންޓުން (ސީ.އެސް.އޭ) ގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުން ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއްކަމަށެވެ. އަދި އައު ގަވާއިދުގެ ސަބަބުން ދިވެހި ވިޔަފާރިތައް ކުރިއަރައި، ފުޅާވެގެންދާނެކަމާއި، ސިނާއަތުން ލިބެންޖެހޭ ވިޔަފާރި އަދި އިގްތިޞާދީ ފައިދާ ކުރާނީ ދިވެހި ވިޔަފާރިތަކާއި ރާއްޖޭގެ އިގްތިސާދަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަންނަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ޚާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ. އެގޮތުން، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓާމިނަލްއާއެކު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ކުރިއެރުންތައް އައިސްފައެވެ. މި އައު ޓާމިނަލް ފެސިލިޓީއަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓާމިނަލެކެވެ. އައު ޓާމިނަލް ބޭނުން ކުރަން ފެށުމުގެ އިތުރަށް، ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް އައު އުޅަނދުތައްވެސް ހޯދުމުގެ މަސައްކަތްވެސް ކުރެއެވެ. މިގޮތުން، މޯލްޑިވިއަންގެ ޚިދުމަތަށް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން، ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައު އެއަރޕޯޓްތައް ތަރައްޤީކުރުމަށާއި މިހާރު ހުރި އެއަޕޯޓްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ތަންތަން ތަރައްޤީކުރަނީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކުކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން