ޚަބަރު
އައްޑޫގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ޤާނޫނީ ވޯޓެއް، ރައްޔިތުންގެ އިތުބާރު ދަމަހައްޓާނަން: އީސީ ރައީސް

އިލެކްޝަން ކޮމިޝަނުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވުން ފޮޓޯ: ޕީއެސްއެމް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި ބާއްވާ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ޤާނޫނުގެ ތެރެއިން ބާއްވާ ވޯޓެއް ކަމަށާއި، ވޯޓުލުމުގެ ނިޒާމަށް ރައްޔިތުން އޮންނަ އިތުބާރު ދަމަހައްޓަވާނެ ކަމަށެވެ. މި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓަކީ އައްޑޫގެ ފޭދޫ، މީދޫ އަދި ހުޅުދޫ، ސިޓީ ކައުންސިލުން ވަކިކުރުމާއި މެދު ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތް ބެލުމަށް ބާއްވާ ވޯޓެކެވެ.
މި ވޯޓަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ކޮމިޝަންގެ މެންބަރުން ހިމެނޭ ޓީމެއް ވަނީ އައްޑޫ ސިޓީއަށް މިހާރު ގޮސްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ހިމެނޭ މި ޓީމުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއާއި ހިތަދޫއަށް ނިސްބަތްވާ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާއި ގުޅޭގޮތުން ސިޓީ ކައުންސިލަށް މައުލޫމާތު ދީފައެވެ. އެގޮތުން ކޮމިޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ވޯޓުގައި ރައްޔިތުން ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކާފައިވެއެވެ.
އީސީގެ ރައީސް މުޙައްމަދު ޒާހިދު މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްސަ ޤާނޫނެއް ތަޢާރަފްވެ އެ ޤާނޫނުގެ ތެރެއިން އަންނަ ފުރަތަމަ ވޯޓު ކަމަށެވެ. އަދި މި ވޯޓަކީ ޤާނޫނުގެ ހަމަތަކުގެ ތެރެއިން ކުރިއަށްގެންދެވޭ ވޯޓެއް ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވަނީ، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ކޮމިޝަނާއި މެދު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މި ވޯޓުގައި ރައްޔިތުން ކޮންމެ ގޮތެއް ނިންމިނަމަވެސް އެކަމަށް އިހްތިރާމްކުރާނެކަމަށް މޭޔަރ ވިދާޅުވިއެވެ. މީގެއިތުރުން، ވޯޓުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޝަނާއި ހިއްސާކުރައްވައި އެކަންކަމަށް ކޮމިޝަނުން ވަނީ ޖަވާބުވެސް ދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ކައުންސިލާއި ކަމާއި ގުޅުން ހުރި ފަރާތްތަކާވެސް ބައްދަލުކުރަން ނިންމާފައެވެ. އެގޮތުން މިހާތަނަށް ފޭދޫ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި ބައްދަލުވުމުގައިވެސް މި ވޯޓުގައި ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތް އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.
ހޮނިހިރު ދުވަހު ބާއްވާ ވޯޓަށް އައްޑޫގައި ތައްޔާރީތައް ފަށާފައިވާއިރު، މި ވޯޓާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް މިރޭ އައްޑޫ ސިޓީގައި ވޯޓުލުން އޮންނަ ފޭދޫ، މީދޫ އަދި ހުޅުދޫގައި ކުރިއަށްދާނެއެވެ. އަދި ވޯޓަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.