ޚަބަރު
އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފަށައިފި
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އައިޖީއެމްއެޗް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ޚާއްޞަ ފަރުވާއެއްކަމަށްވާ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް މި 2 ހޮސްޕިޓަލުގައި ފަށާފައިވާކަން އިޢުލާނުކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ "އެކްސް" ގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ޙަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓްއިން ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. އަދި ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ އެ ހޮސްޕިޓަލުގެ ލޮލުގެ ފަރުވާއަށް ޚާއްޞަ، ޑޮކްޓަރ މުޙައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުންކަން ހަލީމް ވަނީ ފާހަގަކުރައްވާފައެވެ.
ހަލީމް އިތުރަށް ވިދާޅުވީ، ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ (ރެޓިނާ) އާއި ލޯފުރާފައިވާ ސާފު ޖެލް (ވިޓްރިއަސް ހިއުމަރ)ގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާ މި ޚާއްޞަ އޮޕަރޭޝަނަކީ، މި ދެ އަހަރު ދުވަހުގެ މަސައްކަތުން ހާޞިލުވި އަގުހުރި ކުރިއެރުމެއްކަމަށް ޤަބޫކުފުޅު ކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މި ޚިދުމަތް ފެށިގެން ދިއުމާއެކު، މިހާރު ރާއްޖެއިން ބޭރުން ލިބެން ހުންނަ ފެންވަރުގެ ފަރުވާ ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.
އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.
ޑޮކްޓަރ މުޙައްމަދު އައްޒާމަކީ، މި ދާއިރާގައި ގިނަގުނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާގެ އިރުޝާދުގެ ދަށުން، ކުރިއަށް ގެންދެވޭ މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތު އިތުރުކޮށްދީ، ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފެންވަރު ރަނގަޅުވެގެންދާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް މުހިންމު ކާމިޔާބީއެއް! ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުން ވިޓްރިއޯރެޓިނަލް… pic.twitter.com/bNPYHnlQw6
— Haleem (@22halex) October 24, 2025