ޚަބަރު
އޭދަފުށީ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި
ބ. އޭދަފުށީ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ
ސަރުކާރުން އިސްލާމީ މަރުކަޒުތައް ރާއްޖެއަށް ފުޅާކުރުމަށް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ބ. އޭދަފުށީގައި ޢިމާރާތްކުރާ އައު އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ބ. އޭދަފުށީ އިސްލާމީ މަރުކަޒު ޢިމާރާތްކުރާ ބިމުގައި ބޭއްވުނު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝާމީ އިބްރާހީމެވެ.
މި ޢިމާރާތްކުރެވޭ ދެ ބުރީގެ އިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއެކު، އިސްލާމީ ތަޢުލީމާއި، ދީނީ ޙަރަކާތްތަކާއި، އިޖުތިމާޢީ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އެކުލެވިގެންވާ ގޮތަށް ބިނާކުރެވޭ މަރުކަޒެކެވެ.
މި މަރުކަޒުގައި މަލްޓިޕަރޕަސް ހޯލަކާއި، 3 ކިލާސްރޫމާއި، އިސްލާމީ ކުތުބުޚާނާއަކާއި، އިދާރީ އޮފީހަކާއި، ޚާއްޞަ ހިފްޡު ކްލާސްރޫމެއްގެ އިތުރުން އެކަށީގެންވާ ހިނަވާގެއެއް ހިމެނޭނެއެވެ. މި ވަސީލަތްތަކުގެ މަޤްޞަދަކީ، މި މަރުކަޒަކީ އިސްލާމީ ތަޢުލީމު އުނގަންނައިދިނުމާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ޚިދުމަތްތައް ފޯރުކޮށްދޭ ފުރިހަމަ ދީނީ އަދި ތަޢުލީމީ މަރުކަޒަކަށް ހެދުން ކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތައް ޤާއިމުކުރުމަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، ބ. އޭދަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި @MMuizzu @presidencymv @Mohamedshaheem1 https://t.co/0TfI4EoKlc
— Ministry of Islamic Affairs & Endowments (@MVIaffairs) October 30, 2026
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ދެއްކެވި ވާހަކަފުޅުގައި، ދީނީ ބިނާތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، އިސްލާމީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒާޢާމަތުގެ ދަށުން، ރަށްރަށުގެ މުޖުތަމަޢުތަކަށް ބޭނުންވާ ޒަމާނީ، ފަސޭހައިން ޚިދުމަތް ލިބެންހުރި އަދި ފުރިހަމަ ވަސީލަތްތަކާއެކު އިސްލާމީ ބިނާތައް ޤާއިމުކުރުމަށް އިސްކަންދެއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ ސިޔާސަތު ސަރުކާރުން އަންނަނީ ކުރިއަށްގެންދަވަމުންނެވެ.
އޭދަފުށީ އިސްލާމީ މަރުކަޒުގެ މަޝްރޫޢަކީ، އިސްލާމީ ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށާއި، ޖަމާޢަތުގައި ނަމާދުކުރާނެ ވަސީލަތްތައް އިތުރުކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުން ވަރުގަދަކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.