Ads by Farudhun

ޚަބަރު

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން. ފޮޓޯ: ޕީއެސްއެމް ނިއުސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޮކްޓޯބަރު 2026، 11:27

31 އޮކްޓޯބަރު 2026، 11:27

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. 

މިއަދު ހެނދުނު 10:00 ގައި ފެށި މި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ. 

މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ތެރެއިން އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދަނީ ބާކީ އޮތް ދެ މަޤާމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ 182 ރައީސުންނެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި އެލްޖީއޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމަތް މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެލްޖީއޭގެ އޮފީހުގައެވެ. މި ވޯޓުފޮށިތަކުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވަނީ އެލްޖީއޭ އަދި ޚިދުމަތް މަރުކަޒުތަކުގެ މުވައްޒަފުންނެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްގެ މެންބަރާއި ޑަބްލިއުޑީސީގެ ރައީސް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާސް އެއް ވޯޓުފޮއްޓަކަށް ވައްޓަންޖެހުނު ނަމަވެސް، ދެ މަޤާމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއެވެ. އަދި ހުރިހާ ވޯޓުފޮއްޓެއްގައިވެސް ވޯޓުލުން ކުރިއަށްދާ ގޮތް އެ އޮތޯރިޓީން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ހަވީރު 4:00 ގައި ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެލްޖީއޭއިން ވިދާޅުވި ގޮތުގައި، ވޯޓުލުން ނިންމައި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރާއިރު، އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450