ޚަބަރު
އާރްއެސްޑަބްލިޔު ފައިނޭންސިންގ ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
މަސްވެރިންތަކެއް މަސްބާނަނީ---
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް އެ ސިނާއަތުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިޔު) ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް އިތުރުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށް ވެސް ފައިނޭންސް ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ސްކީމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ފައިނޭންސިންގ މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށް ވެސް ލުއި ގޮތެއްގައި މި ފެސިލިޓީގެ ދަށުން ފައިނޭންސް ހަމަޖެހިގެންދާނެއެވެ.
މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.
The RSW Financing limit has been increased to MVR 4 million, with an expanded scope of financing to support vessel modernization, including the newly introduced vessel mechanization component. Apply through: https://t.co/X4DUeFVJaf https://t.co/7gilEmccpQ
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 30, 2026
މި މަޝްރޫޢާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ޚަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމްތައް ގާއިމްކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
"އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ އެހީއާ އެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ގާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ފައިނޭންސިންގ އަކީ މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ. އަދި މިކަމުގެ ފައިދާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް، ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ހެޔޮ ގޮތުގައި ކުރާނެ،" ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.