ޚަބަރު
ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުން އަންނައިރު ގިނައީ އުމުރުން ހަގު މީހުން: އައިޖީއެމްއެޗް
އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ނޭޭޝަނަލް ކާޑިއަކް ސެންޓަރ---
ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އޭގެ ތެރޭގައި އުމުރުން ހަގު މީހުން ގިނަކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޑޭޓާތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރު އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ.
ޑރ. އާފީ ފާހަގަކުރެއްވި ގޮތުގައި، ލޭމަތިވުމާއި، ހަކުރުބަލި އަދި ލޭގައި ކޮލެސްޓްރޯލް މަތިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ބަލިތަކެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޒުވާނުންނާއި އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ ނިސްބަތަށް އަލިއަޅުއްވާލައްވަމުން ޑރ. ޢަލީ އާފީ ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ސްޓްރޯކް ޖެހޭ ނިސްބަތް މިހާރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އެމީހެއްގެ އުމުރުދުވަހުގައި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ނުވަތަ ރިސްކު 25 އިންސައްތައިގައި އުޅޭކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ހިތުގެ ބަލިތަކެވެ. ސްޓްރޯކަކީ ވަކި އުމުރަކަށް ބެލުމެއްނެތި ޖެހޭ ބައްޔަކަށް ވާއިރު، އައިޖީއެމްއެޗްގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެއްކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި ބައެއް ފަހަރު އުމުރުން އެންމެ 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދޭންޖެހިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ސްޓްރޯކްއަކީ ސިކުނޑީގެ ލޭހޮޅިއެއް ބެދުމުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ދިމާވާ ވަރަށް ނުރައްކާތެރި ސިއްޙީ ޙާލަތެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެއްފަޅިން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން އުނދަގޫވުމާއި މީހުން ދައްކާ ވާހަކަ ދޭހަނުވުން ފަދަ ސީރިއަސް އަލާމާތްތައް ފެނެއެވެ.
ޑރ. އާފީ އިތުރަށް ވިދާޅުވީ، އެކި މީހުންނަށް ސްޓްރޯކްގެ އަސަރު ކުރަނީ އެކި މިންވަރަށް ކަމަށެވެ. އެގޮތުން ބައެއް މީހުން ފަރުވާއަށްފަހު ވަރަށް އަވަހަށް ރަނގަޅުވި ނަމަވެސް، އަނެއްބައި މީހުންނަށް ފަރުވާ ދިނުމުގެ މަރުހަލާ ދިގުދެމިގެންދެއެވެ. އެހެންކަމުން، ބަލިމީހާ އަނބުރާ އާދައިގެ ދިރިއުޅުމަކަށް ގެނައުމަށްޓަކައި ދޭ ފަރުވާގެ މަރުހަލާގައި އާއިލާގެ ފަރާތުން ލިބޭ ލޯތްބާއި، އަޅާލުމާއި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ކަމެއްކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.