ޚަބަރު
އުކުޅަހު ކައުންސިލުން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި
"އުކުޅަސް 2.0" ތަޢާރަފްކުރުން ---
އއ. އުކުޅަހު ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ކައުންސިލްގެ ޚާއްޞަ މޯބައިލް އެޕްލިކޭޝަނަކާއި ޒަމާނީ އައު ވެބްސައިޓެއް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ޚިދުމަތްތައް ތަޢާރަފްކޮށްފައިވަނީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ "އުކުޅަސް 2.0" މަޝްރޫޢުގެ ދަށުންނެވެ.
ރޭ އުކުޅަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި "އުކުޅަސް 2.0" ގެ ނަމުގައި ތަޢާރަފްކުރި މި ނިޒާމުގެ ތެރޭގައި ހިމެނެނީ "މައި އުކުޅަސް" އެޕްލިކޭޝަނާއި، "މައި ކައުންސިލް" އަދި ކައުންސިލްގެ އައު ވެބްސައިޓެވެ.
މި ރަސްމިއްޔާތުގައި ކައުންސިލްގެ ވެބްސައިޓް ޒަމާނީކޮށް އަލުން އިފްތިތާޙްކޮށް ދެއްވީ އުކުޅަސް ކައުންސިލްގެ ކުރީގެ ރައީސް ޝައުކަތު އިބްރާހީމެވެ. އަދި އާންމުންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކުރި "މައި އުކުޅަސް" އެޕްލިކޭޝަން އިފްތިތާޙްކޮށް ދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ އަނީސެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްޞަ "މައި ކައުންސިލް" އިފްތިތާޙްކޮށް ދެއްވީ އުކުޅަސް ކައުންސިލްގެ ރައީސް ޢަލީ ވަޙީދެވެ.
އުކުޅަހު ކައުންސިލުން ހާމަކުރި ގޮތުގައި، ކައުންސިލްގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ބަދަލުކުރުމުގެ މި މުހިންމު މަސައްކަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 2015 ވަނަ އަހަރުގައެވެ. އަދި އެ ވިސްނުމުގެ ދަށުން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ ކައުންސިލަށް ފައިސާ ބަލައިގަތުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
"އުކުޅަސް 2.0" ތަޢާރަފްކުރުން ---
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލް މެންބަރު އައިމިނަތު ޒޫނާ ވިދާޅުވީ، މިއަދު އުކުޅަސް 2.0 ގެ އާ މަރުހަލާއަށް ކައުންސިލަށް ވާސިލްވެވިއްޖެ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ރަށަށް އަދި ކައުންސިލްގެ ހިދުމަތްތަކަށް އާ އުސްމިންތަކެއް ހޯދައިދިނުމަށް އެޅުނު ނުހަނު ބޮޑު ފިޔަވަޅެއް. މި ޒަމާނީ ނިޒާމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށްދޭ ހިދުމަތްތަކާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެތެރޭގެ މަސައްކަތްތައް އެއްވެސް ދައްޗަކާއި ލަސްވުމެއް ނެތި ދެ ފުށް ފެންނަ ގޮތަކަށް ވަރަށް ފަސޭހަކަމާއެކު ކުރިއަށްދާނެ،" ޒޫނާ ވިދާޅުވިއެވެ.
ރޭ ތަޢާރަފްކުރި "މައި އުކުޅަސް" މޯބައިލް އެޕްލިކޭޝަނަކީ އެ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ކައުންސިލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކައުންސިލަށް އެކި ކަންކަމުގައި ހުށަހަޅަންޖެހޭ ފޯމުތައް ހުށަހެޅުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެކި ތަންތަން ބުކްކުރުމުގެ އިތުރުން ދައްކަންޖެހޭ ފީތައްވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މީގެއިތުރުން އަލަށް ލޯންޗުކުރި ވެބްސައިޓުން އުކުޅަހު ކައުންސިލާއި ރަށާ ބެހޭ އެންމެހާ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. އޭގެ ތެރޭގައި ކައުންސިލްގެ ނިންމުންތަކާއި، ބަޖެޓުގެ ތަފްޞީލުތައް އަދި ރަށުގައި ހިންގޭ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިމެނެއެވެ. އަދި މޯބައިލް އެޕުން ލިބޭ ޚިދުމަތްތަކާ އެކު، ޖުމްލަ 60 އަށްވުރެ ގިނަ ޚިދުމަތަށް ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށްވެސް އޮންލައިންކޮށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.