ޚަބަރު
ޑާކާގައި ވިޔަފާރީގެ ޚާއްސަ ސަމިޓެއް ބޭއްވުމަށް މަޝްވަރާކޮށްފި
ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރްއާ ބައްދަލުކުރެއްވުން. ފޮޓޯ: އެމްބަސީ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު ވިޔަފާރީގެ ޚާއްސަ ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން، ރާއްޖެއިން އެ ޤައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރްއާ އިއްޔެ މަޝްވަރާކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ދަ ބިޒްނަސް ސްޓޭންޑަޑް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި މަޝްވަރާތައް ކުރިއަށްދިޔައީ ސަފީރު ޝިއުނީން ރަޝީދު ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު "ބަންގާބަބާން" އަށް ވަޑައިގެން ރައީސަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ތަހުނިޔާއާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސަށް އަރިސްކުރައްވާފައެވެ.
ޑާކާގައި ދެ ޤައުމުގެ ދެމެދުގައި ބިޒްނަސް ސަމިޓެއް ބޭއްވުމަށް ރާއްޖެއިން ރާވަމުންދާކަން ސަފީރު ހާމަކުރެއްވުމުން، އެކަމަށް ބަންގްލަދޭޝްގެ ރައީސް ވަނީ ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ސަމިޓެއް ބޭއްވުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓް، ވަޒީފާގެ ފުރުޞަތުތައް، ފަތުރުވެރިކަން އަދި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް ބަންގްލަދޭޝްގެ ރައީސް ގޮވާލެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މީހުންގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދެފަރާތުގެ ލާބައަށްޓަކައި މި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މިހާރު ވެސް ދެމުންގެންދާ ފުރުޞަތުތަކާއި ލުއިފަސޭހަތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ދެއްވިއެވެ. އަދި ސާކް ޖަމްޢިއްޔާ އަލުން ހަރަކާތްތެރިކޮށް، ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމުގައި ދިވެހިރާއްޖޭގެ އެއްބާރުލުމާއި އިސް ދައުރަކަށް ބަންގްލަދޭޝްގެ ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް ރައީސްގެ މިލިޓަރީ ސެކްރެޓަރީއާއި، ޕްރެސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލަކު ބައިވެރިވެވަޑައިގެންނެވިއެވެ.