ޚަބަރު
ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައި، ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދައިފި
ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި - ފޮޓޯ: ހައުސިންގ މިނިސްޓްރީ
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، އެ ދެ ރަށް އެއްގަމު މަގުން އެއްކޮށް ގުޅުވާލައިފިއެވެ. މިއީ މުޅި މި މަޝްރޫއަށް ލިބިގެންދިޔަ ތާރީޚީ އަދި ބޮޑު ކުރިއެރުމެކެވެ.
މި ކާމިޔާބީއާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް އެޅި، ދެ ރަށް ގުޅިގެން ދިއުމަކީ އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭ މުސްތަގުބަލަކާ ދިމާއަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކާމިޔާބީއަށްޓަކައި އެފްކޮންސް، އަރޫޕް އަދި މިނިސްޓްރީގެ ޓީމަށް މަރުހަބާ ދަންނަވައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވި އަގުހުރި އެހީތެރިކަމަށް ވަޒީރު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މި އަމާޒަށް ވާސިލުވުމަށް ބުރަކޮށް މަސައްކަތްކުރި އެންމެހައި ފަރާތްތަކުގެ މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Another significant milestone as the final segment of the bridge between Villimalé and Gulhifalhu was erected today, joining the two islands and bringing us closer to a more connected future. Congratulations to AFCONS, Arup and the MIHUD team on this achievement. My sincere thanks to the Government of India for its invaluable support, and to everyone whose hard work and dedication made this milestone possible. 🇲🇻🇮🇳 @HCIMaldives @AFCONSOfficial @MIHUDmv
— Abdulla Muththalib (@muththo) October 30, 2026
ވިލިމާލެއަކީ ވެރިރަށް މާލެއާ ކައިރީގައި އޮންނަ އަވަށަކަށް ވީނަމަވެސް، ކަނޑުގަދަ ދުވަސްވަރު ވިލިމާލޭގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑެވެ. ސްކޫލް ކުދިންނަށް ކިޔަވަން ނުދެވުމާއި، އޮފީސްތަކަށް މީހުންނަށް ހާޒިރުނުވެވުމުގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މާލެއަށް ބަލިމީހުން ގެންދިއުމަށް ހުރި ދަތިތަކަކީ އެ ރައްޔިތުން އަބަދުވެސް ތަހައްމަލުކުރަމުން ދިޔަ ހިތްދަތި ކަންކަމެވެ. އެހެންކަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫއަކީ ހާއްސަ އަދި އަވަސް މަޝްރޫއެއްގެ ގޮތުގައި ކަނޑައަޅުއްވައި، ރައްޔިތުންގެ މި ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ރެއާއި ދުވާލު ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށި "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" (ޖީއެމްސީޕީ) އަކީ 500 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ބޮޑު ޚަރަދެއް ހިނގާ މަޝްރޫއެކެވެ. މީގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 400 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ސެޕްޓެމްބަރު 2021 ގައި އަމަލީ މަސައްކަތް ފެށި މި ބިޔަ މަޝްރޫއު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގޮސްފައިވަނީ ވަރަށް ބޮޑަށް ލަސްވެ، ފަރުވާކުޑަ ގޮތަކަށެވެ.
ބްރިޖު ނިންމާނެ ކަމަށް ބުނެ ތާރީޚަކަށް ފަހު ތާރީޚެއް ދެމުން ދިޔަ ނަމަވެސް، ޞާލިޙްގެ ފަސް އަހަރުގެ ދައުރު 17 ނޮވެމްބަރު 2023 ގައި ނިމިގެން ދިޔައިރު މަސައްކަތުގެ ނިމިފައިވަނީ އެންމެ 27 އިންސައްތައެވެ. އެކި ސަބަބުތައް ދައްކައި، މަޝްރޫއު ނިންމަން ދިން މުއްދަތު ސެޕްޓެމްބަރު 2026 އަށް އިތުރުކޮށްދީފައި އޮތުމަކީ އެ ސަރުކާރުގެ ހިންގުންތެރިކަން ދަށްވެ، ރައްޔިތުންގެ އުއްމީދުތައް ފުން އަނދަވަޅަކަށް ވެއްޓިގެން ދިޔަ ކަމެކެވެ.
ނަމަވެސް، ވޭތުވެދިޔަ ސަރުކާރުގެ ލަސް ދުވެލި ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ މި މަޝްރޫއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާފައެވެ. ބްރިޖުގެ މަސައްކަތް ކައިރިން ބައްލަވައި، ހުރި ހުރަސްތައް ނައްތާލައްވައިގެން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ވިލިމާލެއާއި ގުޅިފަޅު އެއްކޮށް ގުޅާލެވިފައެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ މި ބްރިޖުގެ މަސައްކަތް މިހާރުގެ ސަރުކާރުން ތާވަލާ އެއްގޮތަށް އަދި ބާރުދުވެލީގައި ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިގްތިސާދަށާއި މާލެ ސަރަހައްދުގެ ދަތުރުފަތުރަށް އަންނާނެ ވަރަށް ބޮޑު ތަރައްގީއެކެވެ.