ޚަބަރު
ސިނަމާލެ ފުލެޓުތަކުގެ ފާރުތައް ފީވެ، އެތިގަނޑުގަނޑު ވެއްޓެން ފަށައިފި!
ސިނަމާލެ ފުލެޓުތަކުގެ ފާރުން ބައިބައި ވަކިވާން ފެށުން. ފޮޓޯ: ސޯޝަލް މީޑީޔާ.
ފަރުދުން
25 އޮކްޓޯބަރު 2025، 04:07
25 އޮކްޓޯބަރު 2025، 04:07
ބައުވެ ހަލާކުވަމުންދާ ސިނަމާލެ ފުލެޓު ޢިމާރާތްތަކުގެ ފާރުތައް ފީވެ، ފާރުތަކުން އެތިގަނޑުގަނޑު ވަކިވެ، ވެއްޓެން ފަށައިފިއެވެ.
އިއްޔެ އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކޮށްފައިވާ ތަޞްވީރުތަކާއި ވީޑިޔޯތަކުން ފެންނަ ގޮތުގައި، ސިނަމާލެ ފުލެޓުގެ އަމީނީ މަގަށް ވީ އަތުގައި ހުރި އިރުމަތީ ފާރުން ބައެއް ވަކިވެ، ބިންމައްޗަށް ވަނީ ވެއްޓިފައެވެ. އެ އެތިގަނޑު ވެއްޓިފައިވަނީ އެ ތަނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މައްޗަށެވެ. ވުމާ އެކު، އެ ސައިކަލަށް ގެއްލުން ލިބިފައިވާ ކަން ވީޑިޔޯތަކުން ދޭހަވެއެވެ.
Scenes from Sinamale flats today. The place is slowly coming apart, and needs to be looked at before the many families living here come to harm. pic.twitter.com/yBVzK1xKVL
— Naailu (@kudanai) October 24, 2025
އިޖުތިމާޢީ ވިޔުގަތަކުގައި މި މަންޡަރުތައް ޙިއްޞާ ކުރި ބައެއް ފަރާތްތަކުން ބުނީ، އެ ތަނުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ގެއްލުން ވުމުގެ ކުރީން، މި މައްސަލަ ޙައްލުކުރާން ޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު އެޅުއްވި ސިނަމާލެ ފްލެޓްތަކަށް 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއަތުވެފައިވާއިރު، އެ ތަން ވަނީ ވީރާނާވާން ފަށާފައެވެ. ސިނަމާލެ އަދި މާލެ ހިޔާގެ ޖުމުލަ ފަސް ޢިމާރާތުގައި ގާތްގަނޑަކަށް 128 ޔުނިޓު ހުންނައިރު، އެތަނުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުން ދެއެވެ.
ވީރާނާވަމުންދާ ސިނަމާލެ އަދި މާލެ ހިޔާ ޢިމާރާތްތައް ތަޅައިލައި، އައު ޢިމާރާތްތައް ބިނާކުރުމަށް ކުރީން ވެސް ވަނީ ނިންމާފައެވެ. މި ގޮތުން، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރަކަށް ހުންނެވިއިރު، 2023ވަނަ އަހަރުގެ އޯގަސްޓު މަހު މި ކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އޭރުއްސުރެ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް މި މަސައްކަތަށް ފެށުމެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި، މި އަހަރުގެ އޭޕްރިލް މަހު ވަނީ، އައު ޢިމާރާތްތަކުގެ ކޮންސެޕްޓް ކުރެހުން ފާސްކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތައް އަލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހެން ހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ފަހުގައެވެ. މި މަޝްރޫޢުގެ ދަށުން 1,360 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ވަނީ ކަނޑައެޅިފައެވެ.