ޚަބަރު
ބަޖެޓް 2027: ސްމާޓް އައިޑީއާއެކު ގައުމީ ކްލައުޑް ޑޭޓާ ސެންޓަރު ގާއިމުކުރުމަށް ހިމަނައިފި
ސްމާޓް އައިޑީއާއެކު ގައުމީ ކްލައުޑް ޑޭޓާ ސެންޓަރު ގާއިމު ކުރަނީ - ފޮޓޯ: އީފާސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ތަސައްވުރު "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިންގިލާބީ ފެންވަރަކަށް ބަދަލުކޮށްލުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. މިގޮތުން ޒަމާނީ "ސްމާޓް އައިޑީ" ކާޑު ތައާރަފުކުރުމާއި، ގައުމީ ފެންވަރުގެ ކްލައުޑް ޑޭޓާ ސެންޓަރެއް ބިނާކުރުން މި ބަޖެޓުގައި ވަނީ ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތް ހިންގުމުގެ ނިޒާމު ދެފުށްފެންނަ ގޮތަށް ބައްޓަންކޮށް، ކޮރަޕްޝަން ނައްތާލައި، އާންމުންނަށް ލިބޭ ހިދުމަތްތައް އަވަސްކުރުން ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން އެކި ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ގައުމުގެ ޑިޖިޓަލް ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުކުރުމަށްޓަކައި "ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު" ގާއިމުކުރުމަށް ބަޖެޓުގައި ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. މީގެއިތުރުން، ރައްޔިތުންނަށް އެކި ހިދުމަތްތައް ހޯދުމުގައި އެންމެ ޒަމާނީ ލުއިފަސޭހަތައް ފަހިކޮށްދިނުމުގެ ގޮތުން "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" އަންނަ އަހަރު ރަސްމީކޮށް ތައާރަފުކުރެވިގެންދާނެއެވެ.
"މި ތަޞައްވުރުގެ ދަށުން، ވަކިވަކި ސެކްޓަރ ތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ އިތުރުން، ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާއިމުކުރެވޭ "ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު" ގާއިމުކުރުމަށް މިބަޖެޓުގައި ވަނީ ހިމަނާފައި. އަދި ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކަމެއް ގެނެސްދޭނެ ޒަމާނީ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" ތަޢާރަފުކުރެވިގެންދާނެ،"
ވަޒީރު ވިދާޅުވިއެވެ.
ޑިޖިޓަލް ދާއިރާއިން ގައުމަށް ގެންނަ މި ބޮޑު ބަދަލު ގާނޫނީ ގޮތުން ހަރުދަނާކުރުމަށްޓަކައި، "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު" އަދި "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ ސަބަބުން ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހި، "ޑިޖިޓަލް ފަސްޓް" ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހިންގުން އެއްވިއުގައަކުން ގުޅާލެވޭނެއެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ ދަށުން، އޮންލައިން މުއާމަލާތްތަކުގައި މީހުންގެ ވަނަވަރު ކަށަވަރުކުރުމުގެ އުސޫލުތައް އެކުލަވާލައި، މި ނިޒާމު ހިންގުމަށް "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، ވެރިރަށް މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ޒަމާނީ ހައްލެއް ގެނައުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް' ގާއިމުކުރުމުގެ މަސައްކަތާއި، 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުން ވެސް މި ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މާލީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ވިއުގަ އައު އުސްމިންތަކަކަށް ވާސިލުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް އަވަސްވެ، އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.