ޚަބަރު
ސޮވަރިން ފަންޑަށް 1.6 ބިލިޔަން ރުފިޔާ ޖަމާވެ، ދަރަނި ދެއްކުމުގެ ހޭދަ 120 އިންސައްތަ އިތުރުވެއްޖެ
ސޮވަރިން ފަންޑަށް 1.6 ބިލިޔަން ރުފިޔާ ޖަމާވެ، ދަރަނި ދެއްކުމުގެ ހޭދަ 120 އިންސައްތަ އިތުރުވުން
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް 1.6 ބިލިޔަން ރުފިޔާ ޖަމާކުރެވިފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، ދަޢުލަތުގެ ދަރަނި ދެއްކުމަށް ކުރެވުނު ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ.
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެންމެ ފަހުން ނެރެފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު' ގައެވެ. މި ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރެވުނު 1.6 ބިލިޔަން ރުފިޔާއަކީ، 2023 ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު ކާމިޔާބު ކުރިއެރުމެކެވެ.
ސޮވަރިން ފަންޑަށް ފައިސާ ޖަމާވުމުގެ އިތުރުން، ދަޢުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އެކި ގޮތްގޮތުން އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި 2.0 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 120 އިންސައްތަ އިތުރު އަދަދެކެވެ.
The Weekly Fiscal Developments as of 16 October 2025 has been published on our website and can be accessed through the link below. 👇https://t.co/tPe9WkOMpt pic.twitter.com/EPzzB5Sv0w
— Ministry of Finance and Planning (@MoFmv) October 22, 2025
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.