ވިޔަފާރި / ޚަބަރު
މާލެ ސަރަޙައްދުން ގެދޮރު ގަތުމަށް އެމްއެމްއޭއިން ހެޔޮ އަގުގެ ލޯން ސްކީމެއް ތައާރަފުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ ކޯޕަރޭޓް މޯލްޑިވްސް
މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮ އަގުގައި ގެދޮރު ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ލޯން ސްކީމެއް ތައާރަފުކޮށް، އެކަމާ ބެހޭ އުސޫލު މިއަދު އާންމުކޮށްފި އެވެ. މި ސްކީމްގެ މަޤްސަދަކީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމެވެ.
އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، މި ސްކީމުގެ ދަށުން ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް މި ސްކީމަށް ކަނޑައަޅަން ޖެހޭނެ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަހެވެ. ނަމަވެސް، ލޯނު ނަގާ ފަރާތުން އެދޭނަމަ އެއަށް ވުރެ ކުރު މުއްދަތެއް ވެސް ދެވިދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މި ސްކީމުގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް ފައިނޭންސިން ހަމަޖެއްސުމެވެ.
މި ސްކީމުގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރުކުރެވޭނެ އެވެ. އެއީ:
ޓައިޕް އޭ / ލީސް އެންޑިން ވިތު އޯނަޝިޕް:
މިއީ ބޭންކުތަކުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެކެވެ. ސްކީމް ހިންގާ އިދާރާއަކުން ގެދޮރު އިމާރާތް ކުރުމުން އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނެ އެވެ. މި ލޯނުގެ ދަށުން އަހަރެއްގެ މައްޗަށް އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް ފައިދާގެ ގޮތުގައި ނެގޭނީ ލޯނު ޕްރިންސިޕަލްގެ އަދަދުގެ ފަސް ޕަސެންޓެވެ. ލޯނު އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ކުލި ދައްކާ ނިމުމުން، އެތަނުގެ މިލްކުވެރިކަން ލޯނު ނެގި މީހާގެ ނަން މައްޗަށް ބަދަލު ކުރެވޭނެ އެވެ. މި ލޯނާ ގުޅިގެން ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ އެވެ.
ޓައިޕް ބީ / އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން:
މިއީ ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެކެވެ. އިމާރާތްކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ފަރާތްތަކެއްގެ އަތުން ގެދޮރު ގަތުމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރެވޭނެ އެވެ. މި މޮޑެލްގެ ދަށުން ލޯނު ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި އަގާއި އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިންނެވެ. މި ލޯނުގެ ދަށުން އަހަރެއްގެ މައްޗަށް އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް ލޯނުގެ ޕްރިންސިޕަލް އަދަދުގެ ހަ ޕަސެންޓު ފައިދާގެ ގޮތުގައި ނެގޭނެ އެވެ. ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ. އަދި ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަން ޖެހޭނެ އެވެ. ނަމަވެސް އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ އެވެ.
އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ މި ސްކީމުގެ ދަށުން ފްލެޓާއި ހައުސިން ޔުނިޓް ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެކަނި ކަމަށެވެ. އަދި ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ފްލެޓާއި ބޯހިޔާވަހިކަން ލިބޭ މީހުންނަށް އެކަނި ކަމަށާއި، އެ މީހަކީ ލޯނު ދައްކަން ޖެހޭ އަދަދު މަހުން މަހަށް ދެއްކުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކުރެ އެވެ.
މާލީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހެޔޮ އަގުގައި ލޯނު ހޯދައިދިނުމަކީ އެމްއެމްއޭ އިން އިސްކަންދޭ ކަމެއް ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ. "މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ހިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް،" އެ ބަޔާނުގައި ވެ އެވެ.
އެމްއެމްއޭ އިން 2017 ވަނަ އަހަރު ވެސް ވަނީ ބޭންކުތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތަކުން ފްލެޓް ގަތުމަށް ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި މާލޭ ގްރޭންޑާއި ގާކޮށި ފްލެޓް މަޝްރޫއުގެ ފްލެޓްތައް ހިމެނެ އެވެ.