Ads by Stelco

ޚަބަރު

ސަރަޙައްދީ އެންމެ ޝަރަފުވެރި ސްކައުޓަކަށް ކުރީގެ ޗީފް ކޮމިޝަނަރ އަލި މަނިކު

ސަރަޙައްދީ އެންމެ ޝަރަފުވެރި ސްކައުޓަކަށް ކުރީގެ ޗީފް ކޮމިޝަނަރ އަލި މަނިކު

ސަރަޙައްދީ އެންމެ ޝަރަފުވެރި ސްކައުޓުގެ އިނާމު ކުރީގެ ޗީފް ކޮމިޝަނަރ އަލި މަނިކާ ޙަވާލުކުރުން.

farudhun logo

ފަރުދުން

25 އޮކްޓޯބަރު 2025، 05:18

25 އޮކްޓޯބަރު 2025، 05:18

ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ސްކައުޓް ޚިދުމަތްތެރީންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ޙަވާލުކޮށްފިއެވެ.

އަޙްމަދު އަލި މަނިކަށް ލިބިފައިވަނީ "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގް"އެވެ. މި އެވޯޑަކީ ސްކައުޓް ޙަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަނަށް ސަރަޙައްދީ ގޮތުން އެކިއެކި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެވޯޑު ކަން ފާހަގަކުރެވެއެވެ.

މި އެވޯޑު އަރުވާފައިވަނީ މި މަހުގެ 12އިން 17އަށް ޓައިވާނުގެ ކައުޝިންގްގައި ކުރިއަށްދިޔަ 28ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައެވެ.

ޢަހްމަދު އަލި މަނިކަކީ ދިވެހިރާއްޖޭގެ ސްކައުޓު ޙަރަކާތަށް 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ، ސްކައުޓް ސޯސިއޭޝަންގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން، އެ އެސޯސިއޭޝަނުގެ ޤައުމީ ސްކައުޓު ކައުންސިލުގެ އެކި މަޤާމުތައް އަލި މަނިކު ވަނީ އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން، އަލި މަނިކުގެ ޗީފް ކޮމިޝަނަރކަމުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީތައް ސްކައުޓް ދާއިރާއަށް ލިބިފައިވެއެވެ. އެ ގޮތުން، ސްކައުޓުން ތިމާވެއްޓަށް ކޮށްދެމުންދާ ޚިދުމަތްތަކަށް ފެހި ފަތް އެވޯޑު ރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއިން ޙާޞިލުކުރީ، އަލި މަނިކުގެ ޗީފް ކޮމިޝަނަރކަމުގައެވެ.

އަލި މަނިކަށް ވަނީ ރާއްޖޭގައި ސްކައުޓު ޙަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަަަށް މި ދާއިރާއިން ޤައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު ވެސް އަރުވާފައެވެ. އަލި މަނިކު ވަނީ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމެޓީގެ މެންބަރުކަމުގެ އިތުރުން، އޭޝިއާ ޕެސިފިކް ރީޖަނަލް މެނޭޖްމަންޓް ސަބް-ކޮމެޓީގެ ވައިސް ޗެއަރޕަރސަންގެ މަޤާމާއި، އޭޝިއާ ޕެސިފިކް ރީޖަންގެ އެވޯޑްސް ކޮމެޓީގެ މެންބަރުކަން ވެސް އަދާކުރައްވާފައެވެ. އަލި މަނިކުގެ ޚިދުމަތަކީ ސްކައުޓް ޙަރަކާތުގައި ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން