ވިޔަފާރި / ޚަބަރު
ވީއައިއޭގެ ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ޚިދުމަތް ދޭން ފަށައިފި
ވީއައިއޭގެ ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ޚިދުމަތް ދޭން ފެށުން ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ފަސިންޖަރު ޓާމިނަލް 1 އިން، އިނގިރޭސި ވިލާތުގެ މަޝްހޫރު އެއަރލައިން، ވަރޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިކަމުގެ ސަބަބުން ވީއައިއޭއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ފާހަގަކޮށްފައެވެ.
ޓާމިނަލް 1 އިން ވަރޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިއަދު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ހަފްލާގައި ވަރޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހްއާއި، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވަރޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމުގެ އިތުރުން، އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ހަދިޔާ ދިނުން ކުރިއަށްގެންގޮސްފައިވެއެވެ. އަދި ޓާމިނަލް 1 އިން ޚިދުމަތް ދިން ވާރޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
Virgin Atlantic began operations at Terminal 1 of Velana International Airport. With this addition, it joins the growing list of international airlines transitioning to the new terminal, further enhancing our global network and service capacity. pic.twitter.com/fYktbe4T0W
— Maldives Airports Company Ltd (@MACLmedia) October 25, 2025
ވާރޖިން އެޓްލާންޓިކްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ވާރޖިން އެޓްލާންޓިކްއަށް ޚިދުމަތް ދޭން ފެށުމުގެ ކުރިން، އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ބްރިޓިޝް އެއާވޭސްއަށްވެސް ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށާފައެވެ.
ވާރޖިން އެޓްލާންޓިކްއާއެކު ޓާމިނަލް 1 އިން މިހާރު ހިދުމަތްދޭ އެއަރލައިންތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.