ވިޔަފާރި

634 ގުރާމް ހުންނަ ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕް ތަޢާރަފުކޮށްފި!

634 ގުރާމް ހުންނަ ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕް ތަޢާރަފުކޮށްފި!

ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕް ކަމަށްވާ FMV UH X3

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޮކްޓޯބަރު 2025، 07:05

25 އޮކްޓޯބަރު 2025، 07:05

ޖަޕާނުގެ މަޝްހޫރު ފުޖިޓްސޫ ކުންފުނިން، ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕް ކަމަށްވާ FMV UH X3 ތަޢާރަފުކޮށްފިއެވެ. މި ލެޕްޓޮޕްގެ ބަރުދަނަކީ އެންމެ 634 ގުރާމެވެ (ޗާޖަރާ ނުލައި).

ފުޖިޓްސޫއަކީ މީގެ ކުރިންވެސް ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕްތައް އުފައްދައިގެން ރެކޯޑު ހަދާފައިވާ ކުންފުންޏެކެވެ. އެގޮތުން 2022 ވަނަ އަހަރު ނެރުނު WU-XG2 މޮޑެލްއާއި 2024 ވަނަ އަހަރު ނެރުނު WU-XJ3 މޮޑެލްގެ ބަރުދަނަކީވެސް 634 ގުރާމެވެ.

މި ލެޕްޓޮޕްގެ ބަރުދަން މިހާ ލުއިކުރުމަށްޓަކައި، ފުޖިޓްސޫ ކުންފުނިން ވަނީ ކުރިއަރާފައިވާ ލުއި މެޓީރިއަލްތައް ބޭނުންކޮށްފައެވެ. ލެޕްޓޮޕްގެ މަތީގެ ފެނަލް ހަދާފައިވަނީ ކާބަން ފައިބަރުންނެވެ. އަދި ކީބޯޑު ބޭސްއާއި ތިރީގެ ބައި ހަދާފައިވަނީ މެގްނީޒިއަމް-ލިތިއަމް އެލޯއި ބޭނުންކޮށެވެ. މިހާ ލުއި ކަމުގައިވީނަމަވެސް،  ބޭނުންތަކަށް ތަޙައްމަލުކުރެވޭވަރަށް ދެމިހުންނާނެ ގޮތަށް މި ލެޕްޓޮޕް ވަނީ ޑިޒައިންކޮށްފައެވެ.

މި މޮޑެލްގެ ޗާޖަރުގެ ބަރުދަނަކީ އެންމެ 151 ގުރާމެވެ. މިއީ ކުރީގެ މޮޑެލްތަކުގައި ބޭނުންކުރި 280 ގުރާމްގެ ޗާޖަރުތަކަށްވުރެ ވަރަށް ބޮޑަށް ލުއި ޗާޖަރެކެވެ.

FMV UH X3 ލެޕްޓޮޕްގައި ބޭނުންކޮށްފައިވަނީ އިންޓެލް ކޯރ އަލްޓްރާ 7 255U ޕްރޮސެސަރެވެ. މީގެ އިތުރުން ކުޅަދާނަކަން އިތުރުކުރުމަށް އޭ.އައި. އިންޖީނެއްވެސް ހިމެނެއެވެ. ލެޕްޓޮޕްގައި 16 ޖީބީގެ ރެމްއާއި 512 ޖީބީގެ ސްޓޯރޭޖް ހުންނައިރު، ޑިސްޕްލޭގެ ސައިޒަކީ 14 އިންޗީގެ ޑިސްޕްލޭއެކެވެ.

މީގެއިތުރުން ވައި-ފައި 7، ބްލޫޓޫތް 5.4، ޔޫ.އެސް.ބީ. ޓައިޕް-ސީ، ޔޫ.އެސް.ބީ. ޓައިޕް-އޭ، އެޗް.ޑީ.އެމް.އައި. ޕޯޓްތަކާއި މައިކްރޯއެސް.ޑީ. ސްލޮޓެއް ހިމެނެއެވެ. ސަލާމަތީ ކަންކަމަށްޓަކައި ވިންޑޯސް ހެލޯ ފިންގަރޕްރިންޓް ސެންސަރަކާއި، ވެބްކެމްގެ ޕްރައިވެސީ ޝަޓަރެއްވެސް މި ލެޕްޓޮޕްގައި ހުރެއެވެ.

ކުންފުނިން ބުނާގޮތުގައި، މި ލެޕްޓޮޕްގެ ބެޓެރީ ޗާޖު ވީޑިއޯ ބަލާނަމަ 7 ގަޑިއިރަށް ދެމިހުންނާނެއެވެ. އަދި އާދައިގެ ބޭނުންތަކަށް 18 ގަޑިއިރަށް ދެމިހުންނާނެއެވެ. FMV UH X3 ގެ އަގަކީ 1,863 އެމެރިކާ ޑޮލަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން