ވިޔަފާރި / ޚަބަރު
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ހަމަހަމަކޮށް ރައްޔިތުންގެ މެދުގައި ބެހުމަށް ކުންފުންޏެއް އުފައްދައިފި
އަމިއްލަ މޯލްޑިވްސް / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އިޤްތިޞާދީ މަންފާތައް އެއްވެސް ތަފާތުކުރުމެއްނެތި އެންމެހައި ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސައްތައިންސައްތަ ސަރުކާރު ހިއްސާވާ އައު ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކުންފުންޏަށް ދެއްވާފައިވާ ނަމަކީ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކުރުމެވެ. އަދި ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ ވަރުގަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީވެސް މި ކުންފުނީގެ މުހިންމު ލަނޑުދަނޑިއެކެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށް މި ކުންފުނިން މަސައްކަތްކުރާނެއެވެ. އަދި ދިވެހި ރައްޔިތުންނަށް ވަޒީފާ އާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަކީވެސް މި ކުންފުނި އުފެއްދެވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ މި ނިޒާމު އިޢުލާންކުރެއްވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްކަމުގައި، ކުރިއަށް އޮތް ތަނުގައި ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށެވެ.