ޚަބަރު
ޑުއަލް ޕާސްޕޯޓު އޮތަސް އިސްރާއީލުގެ ޔަހޫދީންނަށް ރަސްމާލެއިން ބިން ނުގަނެވޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ދެ ގައުމެއްގެ ޕާސްޕޯޓު (ޑުއަލް ޕާސްޕޯޓު) އޮންނަ ޔަހޫދީންނަށް ވެސް ރަސްމާލެ މަޝްރޫއުގެ ތެރެއިން ބިމާއި ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ ދަށުން، އިސްރާއީލުގެ އެއްވެސް ޔަހޫދީއަކަށް އަދި އެ ގައުމުގެ ހިއްސާ އޮންނަ އެއްވެސް ވިޔަފާރިއަކަށް ވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުން ޖާގައެއް ނުލިބޭނެ ކަމަށެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގެ ހާމަކަން ބޮޑުކޮށް، ޑިވެލޮޕަރުންނާއި މުދާ ގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލު ގާނޫނަކަށް ވުމުން މި ދާއިރާ ރެގިއުލޭޓް ކުރުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރާނީ އަލަށް އުފައްދާ "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އިންނެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމެރިކާ ފަދަ އެހެން ގައުމުތަކުގެ ޕާސްޕޯޓު ބޭނުންކޮށްގެން އިންވެސްޓްކުރަން އުޅުނަސް އިސްރާއީލުގެ ޔަހޫދީންނަށް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ބިމާއި ފްލެޓް ފަދަ ތަންތަން ގަތުމުގެ ހުއްދަ ދޫކުރާނީ "ކޭވައިސީ" ހަދައި، އެ މީހެއްގެ ފުރިހަމަ މައުލޫމާތާއި އަސްލު ބަލައި ކަށަވަރުކުރުމަށް ފަހު ކަމަށް ވާތީ، މިކަމުގައި އެއްވެސް "ލޫޕްހޯލެއް" ނުވަތަ ދޫދެވޭނެ ދޮރެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގައި ޑުއަލް ޕާސްޕޯޓުގައި އަޔަސް އެތަނަށް އިންވެސްޓް މި ކުރެވެނީ އިތުރު ތަފްސީލް ބަލާފަ، ކޭވައިސީ ޗެކްކޮށްގެން. އެހެންވީމަ އެ ޗެކު ކޮށްފަ، ކަށަވަރުކޮށްފަ ނޫނީ އޭޕްރޫވަލްއެއް ނުދޭނެ އޮތޯރިޓީއަކުންނެއް. ޑުއަލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަތަ އެހެން ގައުމަކަށް ޑުއަލް ޕާސްޕޯޓުގައި އެދެވޭ ގޮތަށް ދެވުނަސް އަދި އިންވެސްޓެއް ނުކުރެވޭނެ"
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، 2023 އޮކްޓޫބަރު 7 ގައި ފަލަސްތީނާ ދެކޮޅަށް ޔަހޫދީން ފެށި ހަނގުރާމައާ ގުޅުވައިގެން މީގެ ކުރިން ކަނޑައެޅި ވަގުތީ އުސޫލު ބަދަލުކޮށް، އެއްވެސް ހާލަތަކާ ނުގުޅުވައި އިސްރާއީލް ޕާސްޕޯޓު އޮންނަ އެއްވެސް ޔަހޫދީއަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަމުންދާ ކަމަށެވެ.
މަޖިލީހުގައި މިހާރު އޮތް ރިއަލް އެސްޓޭޓް ބިލުގެ 93 ވަނަ މާއްދާގެ (ށ) ގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ރައްޔިތަކަށް ނުވަތަ އެ ގައުމުގެ ރައްޔިތެއްގެ ހިއްސާއެއް ސީދާކޮށް އަދި ނުސީދާކޮށް ވިޔަސް އޮންނަ ކުންފުންޏަކަށް ރިއަލް އެސްޓޭޓް ޒޯނެއްގެ އެއްވެސް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓެއް ނުވިއްކޭނެއެވެ. އަދި އެފަދަ ބިމެއް ސަބްލީސް ކުރުމަކީ ވެސް މަނާކަމެކެވެ.
ހަމައެއާއެކު، ބިލުގެ 89 ވަނަ މާއްދާގެ (މ) ގައިވާ ގޮތުން، ރާއްޖޭގެ އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނަކުން ބިމެއް ނުވަތަ ޕްރޮޕަޓީއެއް ގަތް ކަމުގައި ވިޔަސް، އެއިން އެއްވެސް ބޭރު މީހަކަށް ދިވެހި ރައްޔިތުކަން ލިބުމުގެ އެއްވެސް ހައްގެއް ނޯންނާނެކަން ވަނީ ކަނޑައަޅައިފައެވެ.