ޚަބަރު
މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލަން އޮޑިޓެއް ހަދަނީ
ވަޒީރު ޒަރީރް މަޖިލީހުގައި. ފޮޓޯ: މަޖިލިސް އިދާރާ
ސަރުކާރުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލައި، މުވައްޒަފުން ބޭނުންވާ އަދަދު ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު އައު މަގާމުތައް ނުއުފެއްދުމަށާއި، ކޮންމެހެން ބޭނުންވާ މަގާމުތަކަށް ނޫނީ މުވައްޒަފުން ނުނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ނޭޝަނަލް ޕޭ ކޮމިޝަން ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު މުވައްޒަފުން ތިބީ ބޭނުންވާ މިންވަރަށްތޯ ބެލުމަށް އެޗްއާރު އޮޑިޓެއް ކުރުމަށް ވިސްނާފައިވާ ކަމަށެވެ. އަދި އޭގެ މައިގަނޑު މަގުސަދަކީ ބޭނުންވާ މިންވަރަށް އެކި ދާއިރާތަކަށް މީހުން ހަމަޖެއްސުމާއި، ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ތިބިނަމަ ބޭނުންވާ އެހެން ދިމާތަކަށް ބަދަލުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފޮތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރު މުވައްޒަފުންގެ މުސާރައަށް 7.91 ބިލިއަން ރުފިޔާ އަދި އިނާޔަތްތަކަށް 6.51 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން މުވައްޒަފުންނަށް ޖުމްލަ 14.4 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭއިރު، މިއީ ހިނގާ އަހަރަށް ވުރެ 492.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އާބާދީގެ ނިސްބަތުން ސަރުކާރު މުވައްޒަފުން ގިނަކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. ޚާއްސަކޮށް ސިޔާސީ ބޭނުންތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނަގާ ކަމުގެ ތުހުމަތު އަމާޒުވެފައިވެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ 2023 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ސިވިލް ސާވިސްގައި 30,127 މުވައްޒަފުން މަސައްކަތްކުރެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިކަން މިދިޔަ އޯގަސްޓު މަހު ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވެ މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް، އެ އަދަދު އިތުރުވެފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް މި އަހަރުގެ އޭޕްރީލް މަހު ވެސް ވަނީ އަންގާފައެވެ.