ޚަބަރު
ހުޅުމާލޭގެ ދުވާރުމަތީގެ އާންމުންނަށް ދަތިވާގޮތަށް ހުރި ސާމާނު ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ހުޅުމާލޭގެ ދުވާރުމަތީގެ އާންމުންނަށް ދަތިވާގޮތަށް ހުރި ސާމާނު ނަގަނީ ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ، ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ހުޅުމާލެ ސާފުތާހިރުކޮށް ބެހެއްޓުމަށް އަމާޒުކޮށްގެން ފަށާފައިވާ މަސައްކަތެކެވެ.
އެޗްޑީސީން ވިދާޅުވީ، ދުވާރުމަތީގައި ބަހައްޓާފައި ހުންނަ މިފަދަ ތަކެތީގެ ސަބަބުން ހިނގާބިނގާވާ މީހުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކަުގެ ސަބަބުން، ވާރޭވެހި ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވެ ދިމާވާ މައްސަލަތަކަށް މި މަސައްކަތުގެ ސަބަބުން އެކަށީގެންވާ ހައްލެއް ގެނެވޭނެކަމަށެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ ސާފު ރީތި، ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށެވެ. "މިކަން އެޗްޑީސީން އެކަންޏެއް ނޫން ކުރެވޭނީ. މިއީ ހުޅުމާލޭގަ ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު މުޅި މުޖްތަމަޢު އެކައްޗެއް ކިޔައިގެން މިކަން ކުރިއަށްގެންދިޔައިމަ ކަންތައްތައ ފަސޭހަވާނެ. ވިޔަފާރިކުރާ ފަރާތްތަކާއި އަދި އޭގެއިތުރަށް މިތާ ދިރިއުޅޭ ފަރާތްތަކުންވެސް މިކަމަށް މަސައްކަތްކުރަންޖެހޭ" ޢަލީ ޒުހައިރު ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 12 ޒޯނަކަށް ބަހާލައިގެންނެވެ. އެޗްޑީސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހުޅުމާލެ ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެޗްޑީސީގެ 50 އަކަށް މުވައްޒަފުން ބައިވެރިވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަމާޒަކީ އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ގައި މި ޕްރޮގްރާމްގެ މަސައްކަތް ނިންމާލުމެވެ.
މީގެކުރިންވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި ނެގުމަށް އަންގާފައެވެ. އަދި އެތަކެތި ވެރިފަރާތްތަކުން ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެކަމަށާއި އެކަމުގައި މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެކަމަށްވެސް އެޗްޑީސީން ވަނީ އަންގާފައެވެ.
އައު ޗެޓެއް