Ads by Stelco

ޚަބަރު

އައްޑޫގެ ހުޅުދޫ އާއި މީދޫ ވަކި ކައުންސިލްތަކަށް، ފޭދޫ ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެން : ވަގުތީ ނަތީޖާ

އައްޑޫގެ ހުޅުދޫ އާއި މީދޫ ވަކި ކައުންސިލްތަކަށް، ފޭދޫ ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެން : ވަގުތީ ނަތީޖާ

މިއަދު ކުރިއަށްދިއަ ވޯޓުލުން ފޮޓޯ: އީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޮކްޓޯބަރު 2025، 07:20

25 އޮކްޓޯބަރު 2025، 07:20

އައްޑޫ ސިޓީގެ ތިން ރަށެއްގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ހުޅުދޫ އާއި މީދޫގެ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފައްދަން ކަމަށެވެ. ނަމަވެސް، ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެން ކަމަށް މި ނަތީޖާތަކުން ވަނީ ހާމަވެފައެވެ.

މި ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓެކެވެ. މިއީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގުނު ފުރަތަމަ ޚިޔާލު ހޯދުމުގެ ވޯޓުކަން ފާހަގަކޮށްލެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ވަނީ މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާފައެވެ. މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 9576 މީހަކަށް ލިބިފައިވާއިރު، ވޯޓު ފޮށިތައް ބަންދުކުރިއިރު ވޯޓުލާފައިވަނީ 4510 މީހުންނެވެ.

ރަށްރަށުގެ ވަގުތީ ނަތީޖާތައް:

  • ފޭދޫ: 8 ވޯޓު ފޮށި ބަހައްޓާފައިވާއިރު، ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ގިނަ މީހުން ވޯޓު ދީފައިވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ. އެބަހީ ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލާއެކު ދެމިތިބެންށެވެ.
  • ހުޅުދޫ: 6 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދީފައިވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ.
  • މީދޫ: ޖުމްލަ 4 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެ ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ވޯޓުލި މީހުންގެ ބޮޑު އިންސައްތައެއް ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދައި އިދާރީ ގޮތުން ވަކި ރަށަކަށް ބަދަލުވުމަށެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު މި ވޯޓު ނެގުނީ، ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން އެދިފައިވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެސިޓީގެ ބައެއް ރަށްރަށުން ހުށަހެޅުނު ކަންބޮޑުވުންތަކާއި ގުޅިގެން، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވާ ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ސަރުކާރުން މި ވޯޓުގައި ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ

އަޅުގަނޑަށް އެކަން ކުރެވޭނީ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ސަރުކާރުން ޖެހޭނީ ރައްޔިތުން ގާތު އަހަން. އެހެންކަމުން އެރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ސްޓޭންޑް، ސަރުކާރުން ތާޢީދުކުރާނެ ގޮތް. ސަރުކަރުން ވަކި ޕްރިފަރކުރާ އަދި ބޭނުންވާ އެއްވެސްކަމެއް އެކަމުގައި ނެތް. މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުންކަމަށް ވިޔަސް އަދި ވަކި ވަކި ކައުންސިލަތަކެއް ހަދަން ނިންމެވިޔަސް އެކަމަށްވެސް ސަރުކާރުގެ ފުރިހަމަ ތާޢީދުލިބޭނެ

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ރަށްރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި، ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމަށެވެ.



އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ. މިރޭގެ ވަގުތެއްގައި މި ވޯޓުގެ ވަގުތީ ނަތީޖާ އީސީން އިއުލާންކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން