ކޮލަމް
ބިސް، ހުރިހާ އުމުރެެއްގެ މީހުންގެ ޞިއްޙަތަށް ފައިދާހުރި ބާވަތެއް!
އެކި ގޮތްގޮތައް ކެއުމަށް ތައްޔާރުކޮށްފަައިވާ ބިސްތަކެއް
ހުލާސާ
ބިހަކީ ގިނަ ޢަދަދެއްގެ މުހިންމު މާއްދާތައް އެކުލެވޭ ކާނާއެކެވެ. އަދި މިއީ ހަޖަމުކުރަން ފަސޭހަ ކާނާއެކެވެ. ހުރިހާ އުމުރުފުރާތަކުގެ މީހުންނަށް ވެސް މިއީ ވަރަށް ފައިދާހުރި އެއްޗެކެވެ. އެއީ ހަށިގަނޑު ހެދިބޮޑުވުމާއި ކަށިތައް ވަރުގަދަ ކުރުމަށް މުހިންމު ގިނަ މާއްދާތަކެއް ބިހުގައި އެކުލެވޭތީއެވެ.
ބިހުގެ ފައިދާތައް:
ހަށިގަނޑަށް ގިނަ ޢަދަދެއްގެ ފައިދާއެއް ލިބޭ ބިހަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ކާނާގެ މާއްދާތަކެއް ފޯރުކޮށްދޭ، ބާރުދެނިވި ކާނާއެއްގެ ގޮތުގައި ބެލެވެއެވެ. އޭގެ ތެރޭގައި: ޕްރޮޓީން، ހެލްތީ ފެޓްސް، ވިޓަމިން A، ފޯލިކް އެސިޑް، ވިޓަމިން B5، B12، B2، B6، ވިޓަމިން D، ވިޓަމިން E، ވިޓަމިން K، ފޮސްފަރަސް، ސެލެނިއަމް، ކެލްސިއަމް، އަދި ޒިންކް ހިމެނެއެވެ. އަދި ބިހަކީ ހަށިގަނޑަށް ރަނގަޅު މިންވަރެއްގެ ކެލޮރީޒް ވެސް ފޯރުކޮށްދޭ އެއްޗެކެވެ.
- ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލް މިންވަރަށް ނޭދެވޭ އަސަރެއް ނުކުރުން
ބިހުގައި ކޮލެސްޓްރޯލް މިންވަރު މަތިކަމަށް ވިޔަސް، ދުވާލަކު ކެއުމަށް ބުނެވޭ މިންވަރަށް ވުރެ މަތިކަމަށް ވިޔަސް، އާންމުކޮށް ލޭގެ ކޮލެސްޓްރޯލް މިންވަރު މައްޗެއް ނުވެއެވެ. ޚާއްސަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ލަފާގެ މަތިން ކެއުމަށް ހުއްދަ ކުރެވޭ މިންވަރަށް (ދުވާލަކު އެންމެ ގިނަވެގެން ދެ ބިސް) ކައިފިނަމައެވެ.
- ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުން
ހިތުގެ ޞިއްޙަތަށް މުހިންމު ގިނަ ކާނާގެ މާއްދާތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި: ފޯލިކް އެސިޑް، އަދި އަންސެޗުރޭޓެޑް ފެޓީ އެސިޑްސް، ވިޓަމިން E އަދި ބައެއް ވިޓަމިން B ގެ ބާވަތްތައް ހިމެނެއެވެ. އެހެންކަމުން، ދުވާލަކު ބިސް ކެއުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
- ލޮލުގެ ޞިއްޙަތު ރަނގަޅުކުރުން
ބިހަކީ ލޮލުގެ ސިއްހަތަށް މުހިންމު ވިޓަމިން A ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. އަދި އޭގައި ކެރޮޓިނޮއިޑްސްގެ ބާވަތެއް ކަމަށްވާ ޒީއެކްސަންތިން (Zeaxanthin) އާއި ލޫޓީން (Lutein) ވެސް އެކުލެވިގެންވެއެވެ. މި ދެ މާއްދާއަކީ ވެސް މެކިއުލަރ ޑިޖެނެރޭޝަން (Macular degeneration) އާއި ކެޓަރެކްޓް (Cataract) ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް މުހިންމު ދެ މާއްދާއެވެ. ދުވާލަކު ބިހެއް ކެއުމަކީ ހަށިގަނޑުގައި މި މާއްދާތަކުގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
- ސިކުނޑީގެ ޞިއްޙަތު ރަނގަޅުކުރުން
ބިހުގައި ހިތާއި ސިކުނޑީގެ ސިއްހަތަށް ފައިދާހުރި ކޮލީން (Choline) ރަނގަޅު މިންވަރަކަށް އެކުލެވިގެންވެއެވެ. ކޮލީން ހުންނަނީ ސެލްތަކުގެ ވަށައިގެންވާ މެމްބްރޭންތަކުގައެވެ. އަދި މިއީ ހަށިގަނޑުގެ އިދްރާކީ މަސައްކަތްތައް (Cognitive functions) ރަނގަޅުކުރުމަށް މުހިންމު މާއްދާއެކެވެ. (މިސާލަކަށް ފެނުމުގެ ހަނދާނާއި، ބަހުގެ ހަނދާން) އަދި މިއީ މީހާގެ މޫޑު ރަނގަޅުކުރުމަށް ވެސް ފައިދާހުރި އެއްޗެކެވެ.
ވިހެއުމުގެ ކުރިންނާއި ވިހެއުމަށް ފަހު އަންހެނުން ބިސް ކެއުމަކީ އެކުދިންގެ ސިކުނޑީގެ ކުރިއެރުވުމަށް އެހީތެރިވެދޭ ކަމެކެވެ.
- ބަނޑުފުރިފައިވާ އިހުސާސް ދިގުލައިލުން
ނާސްތާގައި ބިސް ކެއުމަކީ އެންމެ ދިގު މުއްދަތަކަށް ބަނޑުފުރިފައިވާ އިހުސާސް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބުން ދުވަހުގެ އެހެން ވަގުތުތަކުގައި ކާން ބޭނުންވާ މިންވަރު ކުޑަކޮށްދީ، ފަލަވުމާއި ބަރުދަން އިތުރުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
- ކަށިތަކާއި މަސްތަކުގެ ވަރުޖައްސައިދޭ
ބިހުގައި ހަށިގަނޑުގެ ޞިއްޙަތަށް މުހިންމު ޕްރޮޓީންތަކާއި އެމިނޯ އެސިޑްތައް އެކަށީގެންވާ މިންވަރަކަށް އެކުލެވިގެންވެއެވެ. މިއީ މަސްތަކުގެ ވަރުޖައްސައިދީ ކަށިތައް ވަރުގަދަ ކުރުމަށް ފައިދާހުރި އެއްޗެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށާއި ޞިއްޙަތަށް ފައިދާ ކުރާނެހެން ބަރުދަން އެއްމިނެއްގައި ހިފެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ.
- މާބަނޑު ދުވަސްވަރުގެ ޞިއްޙަތު ރަނގަޅުކުރުން
ބިހަކީ ފޯލިކް އެސިޑް ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. މި ވިޓަމިނަކީ ކުޑަ ދަރިފުޅުގެ ސްޕައިނަލް ކޯޑްގެ އުނިކަން ފަދަ އުފެދުމުގައި ހުންނަ އުނިކަންތައްތައް ހުއްޓުވުމަށް މުހިންމު އެއްޗެކެވެ. އަދި މިއީ ކުޑަ ދަރިފުޅާއި މާބަނޑު މީހާގެ ޞިއްޙަތަށް މުހިންމު ގިނަ މާއްދާތަކެއްގެ މުއްސަނދި މަސްދަރެކެވެ. އޭގެ ތެރޭގައި ޕްރޮޓީން، ވިޓަމިންތައް، މިނެރަލްތައް، އަދި ކޮލީން ހިމެނެއެވެ. ނަމަވެސް މާބަނޑު މީހުން ބިސް ކާއިރު ރަނގަޅަށް ކައްކާފައިވާ ބިސް ކެއުމަށް ސަމާލުކަން ދޭންވާނެއެވެ.
- ދިފާޢީ ނިޒާމުގެ ޞިއްޙަތު ރަނގަޅުކުރުން
ބިހަކީ ދިފާޢީ ނިޒާމުގެ ޞިއްޙަތު ރަނގަޅުކުރުމަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި: ވިޓަމިން A، ވިޓަމިން B12، އަދި ސެލެނިއަމް ހިމެނެއެވެ.
ހަމުގެ ޞިއްޙަތު ރަނގަޅުކުރުން ބިހަކީ ހަމުގެ ސިއްހަތު ރަނގަޅުކުރުމަށާއި ހަށިގަނޑުގެ ޓިޝޫތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މުހިންމު ގިނަ ވިޓަމިންތަކާއި މިނެރަލްތައް އެކުލެވޭ އެއްޗެކެވެ. އަދި މިއީ ކުރިން ވެސް ބުނެވުނު ފަދައިން ދިފާޢީ ނިޒާމަށް ވެސް ފައިދާހުރި އެއްޗެކެވެ. ދިފާޢީ ނިޒާމުގެ ޞިއްޙަތު ރަނގަޅުވުމަކީ ހަމުގެ ޞިއްޙަތަށް ވެސް ހެޔޮ އަސަރެއް ކުރާ ކަމެކެވެ. އެހެންކަމުން ހަންގަނޑު ޞިއްޙަތު ރަނގަޅުވެ، ޒުވާންކަން ދެމިގެންދެއެވެ.