ޚަބަރު
ޝަރީޢަތަށް ޙާޟިރުނުވެ ދިއްދުއަށް ވަޑައިގަތުމުން، ޔާމީނަށް ކްރިމިނަލް ކޯޓުގެ އިންޛާރު!
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.
ފަރުދުން
27 އޮކްޓޯބަރު 2025، 04:03
27 އޮކްޓޯބަރު 2025، 04:03
ކްރިމިނަލް ކޯޓުގައި އަދު ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ޙާޟިރުވެވަޑައިނުގަންނަވައި، އެ ކޯޓުގެ ހުއްދައާ ނުލައި ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް ވަޑައިގަތުމުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ފިޔަވަޅު އެޅިދާނޭ ކަމުގެ އިންޛާރު ކްރިމިނަލް ކޯޓުން ދީފިއެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އަދު މެންދުރުފަހު 2:30އަށް ތާވަލުކޮށްފައިވިއެވެ. ނަމަވެސް، ޝަރީޢަތަށް ޙާޟިރުވުމުގެ ބަދަލުގައި ޔާމީން ވަނީ، ދިއްދޫގައި ބާއްވާ "ތިލައުތުރު އެވޯޑް 2025"ގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިއްދުއަށް ވަޑައިގެންފައެވެ.
މި ކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިދާރީ ބޭފުޅަކު އަދު ވިދާޅުވީ، މުޢުތަބަރު ޢުޛުރެއް ނެތި ކޯޓަށް ޙާޟިރުނުވުމާއި، މައްސަލަ ތާވަލުކޮށްފައިވީ ހިނދު ކޯޓުގެ ހުއްދަ ނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅިދާނޭ ޢަމަލެއް ކަމަށެވެ. ނަމަވެސް، މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ބޭފުޅާ ހާމަކުރައްވާފައި ނުވެއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ފެލިދެއަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، މަނީ ލޯންޑަރކުރި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް މީގެ ކުރީން ދަށު ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، އެ ކަމުގައި ބޮޑެތި ކުށްތަކެއް ހުރި ކަމަށް ފެނިގެން، ހައި ކޯޓުން ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ.
މި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާޠިލުކުރުމުން، މައްސަލަ އިސްތިއުނާފުކޮށް ބެލުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، ޔާމީނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދަޢުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ވެއެވެ.
ޔާމީނުގެ ޕާޓީ ޕީ.އެން.އެފް.އިން ބުނީ، ތިލައުތުރު އެވޯޑް ޝަރަފުވެރިކޮށްދެއްވާން މިއަދު ދިއްދުއަށް ވަޑައިގަތުމަށް ފަހު، ރަސްމިއްޔާތު ނިމުމުން އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހައިކޯޓުގެ ޙުކުމާ އެކު މިނިވަންވެވަޑައިގަތް ފަހުން ޔާމީން މި ފަދަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.