Ads by Stelco

ޚަބަރު

ހިންނަވަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ހިންނަވަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޮކްޓޯބަރު 2025، 04:03

27 އޮކްޓޯބަރު 2025، 04:03

ޅ. ހިންނަވަރު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ހިންނަވަރުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުންނާއި، ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އެކި  މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށް މިވަގުތު އެބައޮތެވެ. އެހެންކަމުން ޖުމްލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. 

މީގެ އިތުރުން، މި މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަޝްރޫޢުތައް ހިނގަމުން ދާނެއެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން