ކޮލަމް
ގޮހޮރުގަ ފާރުހެދުން : ސަބަބުތަކާއި، އަލާމާތްތަކާއި، ރައްކާތެރިވުން
ގޮހޮރުގަ ފާރުހެދުން
ގޮހޮރުގައި ފާރު ހެދުމަކީ، ޕެޕްޓިކް ނުވަތަ ގެސްޓްރިކް އަލްސަރގެ ނަމުންވެސް މަޝްހޫރުވެފައިވާ، ގޮހޮރުގެ އެތެރޭ ފަށަލައިގައި ނުވަތަ ކުޑަ ގޮހޮރުގެ މަތީ ބައިގައި އުފެދޭ ވޭންހުރި ފާރުކޮޅުތަކެކެވެ. މި ބަލި އުފެދެނީ އާންމުކޮށް ހެލިކޮބެކްޓަރ ޕައިލޯރީ (H. pylori) ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ނުވަތަ އެސްޕިރިން ބްރޫފަން ފަދަ ތަދުކަނޑުވާ ބޭސްތައް ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުންނެވެ. ވަގުތުން ފަރުވާ ނުކުރެވިއްޖެނަމަ، މިކަމުން ނުރައްކާތެރި އެހެން މައްސަލަތައް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ފާރު އުފެދެން މެދުވެރިވާ މައިގަނޑު ސަބަބުތައް:
ތަދުކަނޑުވާ ބޭސްތައް: އެސްޕިރިން ނުވަތަ ބްރޫފަން ފަދަ ބޭސްތައް ގިނައިން ބޭނުންކުރުމަކީ ގޮހޮރުގެ ރައްކާތެރި ފަށަލައަށް ގެއްލުންދީ، ފާރު އުފެއްދުމަށް މަގުފަހިކުރާ ކަމެކެވެ.
ތެޔޮ ގިނައިން ހިމެނޭ ކާނާ: މާ ގިނައިން މަސްތުވާ އެއްޗެހި ނުވަތަ ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބޭނުންކުރުމުން ބަނޑުގައި އެސިޑް އުފެއްދުން އިތުރުވެއެވެ.
ސްޓްރެސް : ނަފްސާނީ ނުވަތަ ނާރުތަކާ ގުޅުންހުރި ސްޓްރެސްގެ ސަބަބުންވެސް ބަނޑުގައި އެސިޑް މިންވަރު އިތުރުވެ، ބަނޑުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ބަނގުރާ ބުއިން އަދި މަސްތުވާތަކެތި : މި އަމަލުތަކުގެ ސަބަބުންވެސް ބަނޑުގެ ތަބީޢީ ދިފާޢީ ބާރުތައް ބަލިކަށިވެ، ފާރު އުފެދުން އިތުރުވެއެވެ.
ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލި: H. pylori ބެކްޓީރިއާގެ ސަބަބުން ބަނޑުގެ މިޔުކަސް ފަށަލައަށް ހަމަލާދީ، އެސިޑްގެ ސަބަބުން ގޮހޮރުގެ އެތެރޭގައި ފާރު އުފެދިދާނެއެވެ.
ޢާންމު ބައެއް އަލާމާތް :
ބަނޑުގައި ރިހުން ނުވަތަ ބަނޑަށް އުނދަގޫވުން: ޚާއްޞަކޮށް ކެއުމަށްފަހު ނުވަތަ ބަނޑު ހުސްކޮށް ހުންނަ އިރު ބަޑުން ދިލަ އެރުން ނުވަތަ ތަދުވުން.
ބަނޑު ހިކުން، ވައި ހެދުން، ނުވަތަ މޭ އެންދުން
މޭނުބައިކުރުން ނުވަތަ ހޮނޑުލުން.
ކާހިތްނުވުމާއި، ކުއްލިގޮތަކަށް ބަރުދަން ލުއިވުން.
ކަޅުވެފައިވާ ނުވަތަ ލޭ އެކުލެވޭ ބޮޑުކަމުދާ ތަކެތި: މިއީ ބަނޑުގެ އެތެރޭގައި ލޭފޭބުމުގެ ނިޝާނެކެވެ. މިފަދަ ހާލަތެއްގައި ވަގުތުން ޑޮކްޓަރީ ފަރުވާއަށް ދިއުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން:
ހަޖަމުކުރަން ފަސޭހަ، ތެޔޮ މަދު ކާނާ ބޭނުންކުރުން.
މެޑިޓޭޝަން، ނުވަތަ ނޭވާލާ ނިޒާޟުގެ ކަސްރަތު ފަދަ ކަންކަމުން ސްޓްރެސް ކޮންޓްރޯލްކުރުން.
ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ބަނގުރާ ބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުން.
ޑޮކްޓަރުގެ ހުއްދަ ނެތި ތަދުކަނޑުވާ ބޭސްތައް ބޭނުންނުކުރުން.
ބަނޑުގައި ވަރަށް ބޮޑަށް ރިހުން، ހޮނޑުލާއިރު ލޭއައުން، ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭ ހުރިކަމަށް ފާހަގަވެއްޖެނަމަ، މިއީ ނުރައްކާތެރި ނިޝާންތަކަކަށް ވެދާނެތީ، ވަގުތުން ޑޮކްޓަރީ އެހީ ހޯދުން ވަރަށް މުހިންމެވެ.