ޚަބަރު
ޅ. ހިންނަވަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ފާދިއްޕޮޅު ހިންނަވަރުގައި އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.
ހިންނަވަރުގައި އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ފެށި ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިދާރާއެކެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާ ހަވާލުކޮށްގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 55 ކައުންސިލް އެޅުމުގެ މަޝްރޫޢަކީ 11 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރުރޭނުމާއި، ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.