ވިޔަފާރި / ޚަބަރު
އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް: ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައިގެ ކުރިއެރުމެއް!
ސްވިމިންގ އެސޯސިއޭޝަންގެ ވިއުއިންގ ޕްލެތްފޯމް ހަދަނީ ފޮޓޯ: އެކްސް
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ހެޔޮ ބަދަލުތަކުގެ ތެރެއިން، ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިޢުކުރި އިކޮނޮމިކް ބުލެޓިންގައި ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މި އަހަރުގެ ދެވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިން ޝާއިޢުކޮށްފައިވާއިރު، މި ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް 11.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވެއެވެ. މި ކުރިއެރުމާއެކު، ރިއަލް އެސްޓޭޓު ވިޔަފާރީގެ ދާއިރާއަށްވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައެވެ.
އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުމާއެކު، ރާއްޖެއަށް އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށްކޮށްފައިވާ ހޭދަވެސް ވަނީ 11 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ކޮމަރޝަލް ބޭންކުތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯންގެ އަދަދުވެސް 2 އިންސައްތަ އިތުރުވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ލޯން ދިން މިންވަރު އިތުރުވެފައިވަނީ، ގެދޮރު ހެދުމާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ދޫކުރި ލޯންތަކާއި، ރިސޯޓުތައް މަރާމާތުކުރުމަށާއި ކޮމާޝަލް އިމާރާތްތައް އެޅުމަށް ދިން ލޯންތައް އިތުރުވުމުގެ ސަބަބުންނެވެ.
އިމާރާތްކުރުމުގެ ދާއިރާ ކުރިއެރިއިރު، ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިޤުތިޞާދު ވަނީ ޖުމްލަ 2.5 އިންސައްތައަށް ކުރިއަރާފައެވެ. ރާއްޖޭގެ އިޤުތިޞާދު މިހެން ކުރިއެރީ، އިޤުތިޞާދީ މައިގަނޑު ދާއިރާތައް ވެސް ހެޔޮ މިންވަރަކަށް ކުރިއެރުމުގެ ސަބަބުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އާއްމުކުރާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓަކީ، ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމުގެ މަޤްސަދުގައި ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓްގައި، އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާޢަތްތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ތަފްސީލާއި، އިޤްތިޞާދާއި ގުޅޭ އެހެނިހެން ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.