ކޮލަމް
ދުނިޔޭގެ ހޫނުމިން މަތިވުމުގެ ސަބަބުން ތުރުކީވިލާތުގެ ކަނޑުން ފިރިހެން ވެލާ މަދުވަނީ
ވެލާ، ރާއްޖޭގައި ވެސް ހިމާޔަތް ކޮށްފައިވާ ބާވަތެއް
ދުނިޔޭގެ ހޫނުމިން މަތިވުމުގެ ސަބަބުން ތުރުކީވިލާތުގެ ކަނޑުން ވެލާގެ ފިރިހެން ޖިންސު މަދުވަމުންދާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ސީޓަރޓަލް ރެސްކިޔު އެންޑް ރިހިބިލިޓޭޝަން ސެންޓަރ (ޑީކޭމާ) ގެ ޑިރެކްޓަރު ޕްރޮފެސަރު ޔާކުޕް ކާސްކާ ވިދާޅުވީ މިހާރު އުފަންވާ ވެލާގެ 90 އިންސައްތައަކީ އަންހެން ވެލައެވެ.
މި ސީޒަނުގައި، ތުރުކީގެ ހުޅަނގު ދެކުނުގައިވާ މުގްލާގެ އޮޓަކާ ޑިސްޓްރިކްޓްގައި ހުންނަ އިޒްތުޒޫ ބީޗުގައި ހުރި 770 ހާލިން ގާތްގަނޑަކަށް 40,000 ވެލާ ކަނޑަށް ދޫކޮށްލާފައިވެއެވެ. ޔޫރަޕްގެ އެންމެ ފެންވަރު ރަނގަޅު ކެރެޓާ ކެރެޓާ ކޮންސަރވޭޝަން އެންޑް ނެސްޓިން އޭރިއާގެ ތެރޭގައި ހިމެނޭ އިޒްތުޒޫ ކައިރީގައި ހުންނަ ޑީކޭމާ އޮފިޝަލުން ދަނީ 2008 ވަނަ އަހަރުން ފެށިގެން މި ވެލާތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ޒަޚަމްވެފައިވާ ވެލާތަކަށް ފަރުވާ ދިނުމާއި، ބިސްއަޅާ އަދި ބިސް ފީވާ ދުވަސްވަރު ހާލިތައް މޮނިޓަރ ކުރުން ހިމެނެއެވެ. ބިސްތަކާއި އުފަންވާ ވެލާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު ދުވަސްވަރުގައި ރޭގަނޑު ދިގުދެމިގެންދާ ގޮތަށް ބެލެހެއްޓުން ކުރިއަށް ގެންދެއެވެ.
"މި އަހަރު 770 ހާލި ރައްކާތެރިކުރެވުނު. އަދި 58,000 ބިހުން ގާތްގަނޑަކަށް 40,000 ވެލާ ކަނޑަށް ދޫކޮށްލެވުނު." ކާސްކާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ކުރިއަށްގެންދާ ވެލާ ރައްކާތެރިކުރުމުގެ މަސައްކަތް 1988 ވަނަ އަހަރުން ފެށިގެން މިދަނީ ކުރިއަށް، ކުރީކޮޅުގައި ހާލިތަކުގެ އަދަދު ހުރީ 200-300 އެއްހާ. މިހާރު، އެ އަދަދު 770-800 އަށް އަރާފައިވޭ، މިއީ ޔޫރަޕް އިން ރަސްމީކޮށް އެންމެ ރަނގަޅަށް ރައްކާތެރިކުރެވިފައިވާ ބިސްއަޅާ ސަރަހައްދެއްގެ ގޮތުގައި ބަލައިގަނެފައިވާ ބީޗެއް، އެތަނުގައި އާބާދީ އިތުރުވަމުންދާކަން އެންމެ ބޮޑަށް ފެންނަން އެބަހުރި." ކަމަށެވެ.
ކާސްކާ ވަނީ ޒަޚަމްވެފައިވާ ބޮޑެތި ވެލާތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އުފަންވާ ހާހަކުން އެންމެ ވެލައެއް ބޮޑުވަންދެން ދިރިއުޅޭ ކަމަށްވާއިރު، އެންމެ ބޮޑު ވެލައެއް ސަލާމަތްކޮށް އެއަށްބޭނުންވާ ރައްކާތެރިކަން 25 އަހަރު ދުވަހުގެ ތެރޭގައި ހާހެއްހާ ވެލަ ބޮޑުކުރުމާ އެއްވަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ޑީކޭމާ އިން ވަނީ 630 ޒަޚަމްވެފައިވާ ވެލައަށް ފަރުވާ ދީ، އޭގެ ތެރެއިން 380 ވެލާ ކަނޑަށް ދޫކޮށްލާފައެވެ. މި ވެލާތަކުގެ ތެރެއިން ބައެއް ވެލާތަކުގައި ސެޓެލައިޓް ޓްރެކިންގ ޑިވައިސް ހަރުކޮށްފައި ހުރެއެވެ.
މިސާލަކަށް، 2019 ވަނަ އަހަރު ސެޓެލައިޓް ޓްރެކަރެއް ހަރުކޮށްގެން ދޫކޮށްލި “ކެރެޓާ ކެރެޓާ” "ތޫބާ"، އިޒްތުޒޫ ބީޗަށް އަނބުރާ އައިސް އަލުން ދޫކޮށްލެވުނެވެ. އަދި “ތޫބާ” އޭރު އެނބުރި އައީ ދުނިޔެވަށާ ބުރެއް ޖަހައި ދެވަނަ ދަތުރަށް ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކާސްކާ ވިދާޅުވީ ތޫބާ މިހާތަނަށް 7,000 ކިލޯމީޓަރަށް ވުރެ ދިގު ދަތުރެއް ކޮށްފައިވާ ކަމަށާއި، މިހާރު އޮތީ ބޮޑްރަމް ކައިރީގައިވާ ކަމަށެވެ.
ކާސްކާ ވަނީ ދުނިޔޭގެ ހޫނުމިން މަތިވުމުގެ ސަބަބުން ވެލާތަކަށާއި އެތަކެތީގެ ހާލިތަކަށް ކުރާ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. "ހޫނުމިން މަތިވުމުގެ ސަބަބުން އަންހެން ނަސްލު އުފެދުން އިތުރުވޭ، އެހެންކަމުން މި ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ހާލިތަކުން ނިކުންނަ ވެލާގެ 90 އިންސައްތައަކީ އަންހެން ވެލާ،" އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ ހޫނުމިން މަތިވުމުގެ އަސަރު ހުރިހާ ދިރޭ ތަކެއްޗަށް ކުރޭ، ނަމަވެސް ފިރިހެން ނަސްލު ނެތް ވެލައަށް ނަސްލު އުފެއްދުމުގެ ޤާބިލްކަމެއް ނުލިބޭނެ. މިހާރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ހިޔާ ލިބޭ ނުވަތަ ފިނި ތަންތަނުގައި ބިސް ފީވުމަށް ބެހެއްޓުމުން ފިރިހެން ވެލާ ވެސް އުފެއްދިދާނެ." ކާސްކާ ވިދާޅުވިއެވެ.
އޭނާ ވަނީ ހޫނުމިނާ ގުޅިފައިވާ ޖިންސީ ނިންމުމުގެ ބަޔޮލޮޖިކަލް މަސައްކަތް ވެސް ސާފުކޮށްދެއްވާފައެވެ: "ބިސްތައް މަތީ ހޫނުމިނެއްގައި ބޮޑުވާއިރު، ޖިންސް ކަނޑައަޅާ ބިސް ސެލްތައް އޯވަރީއަށް ދަތުރުކޮށް، މަތީ ހޫނުމިނުގައި އުފެދޭ ޕްރޮޓީންތަކުގެ ސަބަބުން އެތަކެތި އެތަނުގައި ބެހެއްޓޭ. ހޫނުމިން ދަށްވުމުން، މި ޕްރޮޓީންތައް ނުއުފެދި، އެހެން ޕްރޮޓީންތަކެއް އުފެދި، ފިރިހެން ނަސްލު އުފެދުމަށް މަގުފަހިވޭ."
އޭނާ އިތުރަށް ވިދާޅުވީ، 45 ދުވަހުގެ ތެރޭގައި ބޮޑުވަމުން އަންނަ ވެލާގެ ޖިންސް ކަނޑައަޅަނީ 15 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދުގެ ދުވަސްވަރުގައި ވެލީގެ ހޫނުމިނުން ކަމަށެވެ.