ކުޅިވަރު
އޭޝިއަން ޔޫތު ގޭމްސްގައި އިތުރު ޤައުމީ ތިން ރެކޯޑެއް އައުކޮށްފި
ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި އަމްނާ ތަޒްކިޔާ / ފޮޓޯ: އެމްއޯސީ
ފަރުދުން
28 އޮކްޓޯބަރު 2025، 10:14
28 އޮކްޓޯބަރު 2025، 10:14
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި، ފެތުމުން ދިވެހިރާއްޖޭގެ ޤައުމީ އިތުރު ތިން ރެކޯޑެއް އައުކޮށްފިއެވެ.
އެގޮތުން އެންމެ ފަހުން އައުކޮށްފައި މިވަނީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުންނާއި، އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުންނާއި އަދި ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ.
އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުން ޤައުމީ ރެކޯޑު އައުކުރީ އަމްނާ ތަޒްކިޔާ މިރުޞާދުއެވެ. ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 00:32.57 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ރެކޯޑު ކުރިން ވެސް އޮތީ އޭނާގެ އަތުގައެވެ. އެއީ މިދިޔަ އޮގަސްޓުމަހު ރޮމޭނިއާގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:32.77 ސިކުންތުން ރޭސް ނިންމައިގެން އޭރު ހެދި ރެކޯޑެކެވެ.
މީގެ އިތުރުން، އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ވެސް އައުކުރީ ތަޒްކިޔާއެވެ. މި ރެކޯޑު އޭނާ އާކޮށްފައިވަނީ 00:31.49 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމްއެވެ. 2024 ވަނަ އަހަރު، ހަނާން މި ރެކޯޑު އާކޮށްފައިވަނީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ.
އަދި ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކުރީ ލޫޠު މުޙައްމަދު ޙުސައިން އެވެ. މި ރެކޯޑު އޭނާ އާކޮށްފައިވަނީ 02:41.02 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން ނާޒިމްއެވެ.
އޭޝިއަން ޔޫތު ގޭމްސްގައި އިއްޔެ ވެސް ފެތުމުގެ ޤައުމީ ރެކޯޑެއް އައުކޮށްފައި ވެއެވެ. އެއީ ލޯންގް ކޯސް 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑެވެ. އެ ރެކޯޑު ވެސް އައުކުރީ ތަޒްކިޔާއެވެ.