ވިޔަފާރި / ޚަބަރު
ބީއެމްއެލްއިން ދިވެހީން އުފެއްދި މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ތައާރަފްކޮށްފި
ބީއެމްއެލްއިން މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ތައާރަފްކުރުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފިންޓެކް ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދީފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއި އަވަސްކަމާއެކު، އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް ކަމަށްވާ 'ސްވައިޕް' ބީއެމްއެލްއިން ވަނީ ރަސްމީކޮށް ތައާރަފްކޮށްފައެވެ. މިއީ ދިވެހީންގެ ހުނަރުވެރިކަން ދައްކުވައިދޭ 100% ދިވެހި އުފެއްދުމެކެވެ.
ބީއެމްއެލްއިން ވިދާޅުވެފައިވާ ގޮތުގައި، ސްވައިޕް ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެކެވެ. މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ބީއެމްއެލްގެ ލަނޑުދަނޑި ހާސިލްކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
ސްވައިޕްގެ މައިގަނޑު ޚިދުމަތްތައް:
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން:
- ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތު.
- ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުން.
- އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ އިންތިޒާމު.
- ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ފަސޭހަ.
- ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމާއި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް.
ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން، ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެއެވެ. ބީއެމްއެލްއިން ވިދާޅުވީ ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެކަމަށެވެ.
ރައްކާތެރިކަމާއި ފަސޭހަކަން:
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ ސްވައިޕަކީ، ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ވޮލެޓެކެވެ. މި ޑިޖިޓަލް ވޮލެޓަކީ ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި އުފެއްދުމެކެވެ.
Introducing Swipe, a new multicurrency digital wallet that offers seamless, instant and secure payments for Maldives and beyond! 🚀
— Bank of Maldives (@bankofmaldives) October 29, 2025
This 100% Maldivian-developed digital wallet positions the Maldives and its fintech talent on the global digital financial landscape. Swipe… pic.twitter.com/DmqQJVDdSj
ސީއީއޯގެ ބަސްފުޅު:
ސްވައިޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަގަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕަކީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއްކަމަށެވެ.
ސްވައިޕަކީ އަޅުގަނޑުމެން ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއި މާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް. މު މުހިންމު ހެޔޮ ބަދަލު ގެނެސްދިނުމުގައި ބޭންކުން އިސްކޮށް ހަރަކާތްތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ޒަމާނީ، އީޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން
ޝަރީފް
ބީއެމްއެލްއިން ވިދާޅުވެފައިވަނީ، ސްވައިޕް އަންނަ ޑިސެންބަރު މަހު ބީޓާ ޓެސްޓިންގ އަށް ހުޅުވާލާނެކަމަށެވެ. މިއާއެކު ދިވެހިރާއްޖޭގެ ފައިސާގެ މުއާމަލާތްތަކަށް އާ އުސްމިންތަކެއް ގެނެސްދޭނެކަމަށް ބެންކުން އުންމީދުކުރެއެވެ.