ޚަބަރު
ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ނަޞްރުގެ ދުވަހު ހުޅުވަނީ
ކުޅުދުއްފުށީގައި ހަދާ ބިނާ/ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކޮށްފައިވާ ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ މިއަހަރުގެ ނަޞްރުގެ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި އެ ބިނާ ހަދާފައިވަނީ އެބޭފުޅާ އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަޙައްދުގައެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ މި ބިނާ ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ބިނާގެ މައިގަނޑު ބަޔަކީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ 7 ފޫޓުގެ ނަކަލެއްކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. ހަމަ އެހެންމެ، ޝަހީދު ހުސައިން އާދަމް އެ ދުވަހުގެ ޙަމަލާގައި ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ފާހަގައިގެ ނަކަލެއް ވެސް ބިނާގައި ހިމެނޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ބިނާގެ ފަރުމާ ހުންނާނީ ރައުންޑައަބައުޓެއްގެ ތެރޭގައި ކަމަށާއި، މި ބިނާއާ ގުޅިގެން ފެހިކުލަ އާއި ރަތްކުލައިގެ ގަސްގަހުން ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ކޮށްފައިވާކަން ކައުންސިލް ފާހަގަކުރެއެވެ. ހަމަ އެއާއެކު، މި ބިނާގެ ފްލޯ ފަރުމާކުރެވިފައި ހުންނާނީ ވިދާ ގޮތަކަށް ކަމަށާއި، އެ ބިނާ އިން ދައްކައިދެނީ ދިވެހި ޤައުމުގެ ދިފާޢުގައި ހަމަލާ ދިނުމަށް އެ ދުވަހު ޝަހީދު ހުސެއިން ގެންގުޅުއްވި ބަޑިއާ ދުޝްމަނުގެ ހަމަލާތަކުން ޝަހީދުވެގެން ވެއްޓި ވަޑައިގެންތަނެވެ.
މި ބިނާ ފަރުމާކުރުމުގެ ހުރިހާ މަސައްކަތަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުން ޖުމްލަ ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ. ހަމަ އެހެންމެ، މި ބިނާ ހުޅުވުމުގެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، ހަނދާނީ ބިނާގެ ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަށް ބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މި ބިނާ ރަސްމީކޮށް އިފުތިތާހުކޮށްދެއްވާނީ ނަޞްރުގެ ދުވަހު (ނޮވެމްބަރު 3) ގައި ޝަހީދު ހުސައިން އާދަމްގެ ޢާއިލާއިން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.