ޚަބަރު
އަމީނީ މަގު ސެގްމަންޓް 3 މި ހަފުތާ ތެރޭގައި އާންމުންނަށް ހުޅުވާލަނީ
އަމީނީ މަގު ސެގްމަންޓް 3 ގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތްތައް ނިންމައި މި ހަފުތާ ނިމުމުގެ ކުރިން ޢާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް 3 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ކަންމަތިތަކުގައި ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް 3 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.
Road marking works and concrete works on junctions are now complete for Segment 3 of the Ameenee Road Repair Project. Ameenee Magu Segment 3 is scheduled to be open for public before end of this week. #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/9hn9v1IklZ
— MTCC Plc (@MTCCPlc) October 31, 2026
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން މި މަސައްކަތް އެކި ސެގްމަންޓްތަކަކަށް ބަހާލައިގެން އަމަލީ ގޮތުން ފަށާފައި ވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހިމެނޭ ސަރަހައްދު އަދި ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. ސެގްމަންޓް 3 އަށް ފަހު ދެން ކުރިއަށްދާނެ ސެގްމަންޓް 4 އަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ.
އެމްޓީސީސީ އިން އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުން އެ މަގުގައި ތާރުއަޅައި ހެދުމުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ، އެމަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވެފައިވާތީއެވެ.