ކޮލަމް

އަމިއްލަ ނަފްސު އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ކިހާ މުހިންމުކަމެއް؟

އަމިއްލަ ނަފްސު އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ކިހާ މުހިންމުކަމެއް؟

ފަހަށް ފައިސާ ރައްކާކުރުމަކީ މުހިންމުކަމެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޮކްޓޯބަރު 2025، 02:13

29 އޮކްޓޯބަރު 2025، 02:13

ހުލާސާ


މިޒަމާނުގެ ދުނިޔޭގައި ކޮންމެ މީހަކަށް ވެސް މާލީ މިނިވަންކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސު އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ހަމައެކަނި ގިނަ ރުފިޔާ ހޯދުމެއް ނޫނެވެ. އެއީ އަތުގައި ހުންނަ ފައިސާ ރަނގަޅަށް ބަލަހައްޓައި، މުސްތަޤްބަލަށް ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މިގޮތުން އަހަރެމެންގެ ދިރިއުޅުން ހަމަޖެހޭ އަދި އުފާވެރި ދިރިއުޅުމަކަށް ބަދަލުކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން އަމިއްލަ ނަފްސު ބާރުވެރިކުރެވޭނެ އެތައް ގޮތްތަކެއް ވެއެވެ.

ގިނަ ފަހަރު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ދައްކާ ވާހަކައަކީ، އަބަދުވެސް އަތުގައި ރުފިޔާ ނުހުންނަ ވާހަކައެވެ. މިކަމުގެ އަސްލު ސަބަބަކީ ގިނަ ފަހަރު ފައިސާ ބޭނުންކުރާ ގޮތް ރޭވުންތެރި ނުވުމެވެ. އަތަށް ލިބޭ އާމްދަނީއަށް ވުރެ ބޭކާރު ޚަރަދުތައް ގިނަވުމަކީ މި މައްސަލައިގެ މައިގަނޑު ސަބަބެވެ. މިކަން ރަނގަޅުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އާމްދަނީއާއި ޚަރަދުތައް ނޯޓުކުރުމެވެ. ކޮންމެ މަހަކު ލިބޭ އާމްދަނީއާއި، ކުރެވޭ ޚަރަދުތައް ރަނގަޅަށް ބަލައި، ބަޖެޓެއް ހެދުމަކީ މާލީ ހާލަތު ދެނެގަނެ، އެކަން ރަނގަޅުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މިގޮތުން ކޮންމެ ލާރިއެއް ދަނީ ކޮންކޮން ކަންތައްތަކަށްކަން އެނގުމުން، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފަސޭހަވާނެއެވެ.

މާލީ ގޮތުން ތަރައްޤީވުމަށްޓަކައި، ރުފިޔާ ބަލައިގެން ގެންގުޅުމުގެ މުހިންމުކަން ދެނެގަތުމަކީ މާލީ މިނިވަންކަމުގެ ފުރަތަމަ ބިންގަލެވެ. މިއީ ހަމައެކަނި ފައިސާ ޖަމާކުރުމެއް ނޫނެވެ. އެއީ އާމްދަނީއާއި ޚަރަދުތަކުގެ މެދުގައި ހަމަހަމަކަމެއް ޤާއިމުކުރުމެވެ. އަދި މުސްތަޤްބަލުގެ ބޮޑެތި ލަނޑުދަނޑިތައް (މިސާލަކަށް އަމިއްލަ ގެއެއް ނުވަތަ ތަޢުލީމު) ހާޞިލުކުރުމަށްޓަކައި ރޭވުންތެރިކަމާއެކު ފައިސާ ބޭނުންކުރުމެވެ. މީގެ އިތުރުން މާލީ ތަޢުލީމު ހޯދައި، އިންވެސްޓްކުރުމުގެ ފުރުޞަތުތައް ދެނެގަތުމަކީ ވެސް އަމިއްލަ ނަފްސު އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

އިޤްތިޞާދީ ގޮތުން ކުރިއަރައި ދިއުމަށް ބޭނުންވާ އެއް ކަމަކީ ބޭކާރު ޚަރަދުތައް ނުކުރުމެވެ. ބޭކާރު ޚަރަދަކީ އަހަރެމެންގެ ދިރިއުޅުމަށް އެހާ މުހިންމު ނޫން، އެހެނަސް އަހަރެމެން ގިނަ ފަހަރު ކޮށްލާ ޚަރަދުތަކެވެ. މިސާލަކަށް ބޭނުން ނުވާ އެއްޗެހި ގަތުމާއި، ގިނަ ފަހަރު ރެސްޓޯރެންޓްތަކުން ކެއުމާއި، ނުވަތަ ޒަރޫރީ ނޫން މުނިފޫހިފިލުވުމުގެ ކަންކަމަށް ގިނައިން ފައިސާ ޚަރަދުކުރުން ފަދަ ކަންކަމެވެ. މިފަދަ ޚަރަދުތައް ކުޑަކޮށް، ބޭނުންތެރި ކަންކަމަށް ފައިސާ ބޭނުންކުރުމަކީ ފައިސާ ރައްކާކުރުމަށް މަގުފަހިވާނެ ކަމެކެވެ.

ރުފިޔާ ރައްކާކުރުމަކީ މާލީ މިނިވަންކަމުގެ އެންމެ މުހިންމު އެއް ތަނބައް ވާއިރު، ކޮންމެ މަހަކު ލިބޭ އާމްދަނީގެ ކަނޑައެޅިފައިވާ ބަޔެއް ރައްކާކުރުމަށް އާދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ފައިސާ ރައްކާކުރެވިދާނީ ކުއްލި ޙާލަތްތަކަށް (މިސާލަކަށް ބަލިވުން ނުވަތަ ވަޒީފާ ގެއްލުން)، ނުވަތަ މުސްތަޤްބަލުގެ ބޮޑެތި ލަނޑުދަނޑިތަކަށް (މިސާލަކަށް ވިޔަފާރިއެއް ފެށުން ނުވަތަ ގެއެއް ގަތުން) ފަދަ ކަންކަމަށް އެކަށީގެންވާ ގޮތަކަށެވެ. ފައިސާ ރައްކާކުރުމަކީ މާލީ ގޮތުން ހަމަޖެހުމާއި، މުސްތަޤްބަލުގައި ބޮޑެތި ފުރުޞަތުތައް ލިބިގަތުމުގެ މަގު ތަނަވަސްކޮށްދޭނެ ކަމެކެވެ.

އިސްލާމްދީނުގައި ބާރުއަޅާފައިވާ ފަދައިން، އެހެން މީހުންނަށް ދީލަތި އެހީ ފޯރުކޮށްދިނުމަކީ އިޤްތިޞާދީ ގޮތުން ކުރިއެރުމަށް މަގުފަހިވާނެ އަދި ދިރިއުޅުމަށް ބަރަކާތް ލިބިދޭނެ ކަމެކެވެ. ޒަކާތް ދިނުމާއި، ޞަދަޤާތް ކުރުމަކީ ހަމައެކަނި ފައިސާގެ ގޮތުން ދިނުމެއް ނޫނެވެ. އެއީ މުޖުތަމަޢުގައި އެކުވެރިކަން އިތުރުކޮށް، ފަޤީރުންނަށް އެހީތެރިވެ، މާލީގޮތުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަގުދައްކައިދޭ ކަމެކެވެ. މިއީ ދީނީ އަދި އިންސާނިއްޔަތު ގޮތުން ވެސް ވަރަށް މާތް ކަމެކެވެ. އެހެން މީހުންނަށް އެހީތެރިވުމަކީ، އަހަރެމެންގެ އަމިއްލަ ނަފްސަށް ވެސް ހިތްހަމަޖެހުމާއި ބަރަކާތް ލިބިގެންދާނެ ކަމެކެވެ.

މާލީ މިނިވަންކަން ހޯދުމަކީ ދިގު ދަތުރެކެވެ. ނަމަވެސް ރޭވުންތެރިކަމާއި، ސާބިތުކަމާއެކު ކުރިއަށް ދިއުމުން މި ލަނޑުދަނޑި ހާޞިލުކުރެވޭނެއެވެ. ބޭކާރު ޚަރަދުތައް ކުޑަކޮށް، ރުފިޔާ ރައްކާކޮށް، އެހެން މީހުންނަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޤްތިޞާދީ ގޮތުން އަމިއްލަ ނަފްސު ބާރުވެރިކޮށް، ހަމަޖެހޭ އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ. މާލީ ގޮތުން މިނިވަންވުމަކީ ހަމައެކަނި އަމިއްލަ ދިރިއުޅުމަށް ކުރާ އިންވެސްޓްމަންޓެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ ތަރައްޤީއަށް ވެސް ވެވޭ ބޮޑު އެހީއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން