ކޮލަމް
ސަޔަށް ލުނބޯ އަޅައިގެން ބޯނަމަ ލިބޭނެ ފައިދާ
 
                    ސަޔާއި ލުނބޯ އެކުގައި ބޭނުންކުރުން
ހުލާސާ
ދުނިޔޭގައި ފެނަށްފަހު އެންމެ ގިނައިން ބޭނުންކުރާ ބުއިމަކީ ސައެވެ. ސައިގެ ތެރެއަށް ލުނބޯ އެޅުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ލުބޮނލަކީ ކާނާއަށް ރަހަ ގެނައުމަށް ބޭނުންކުރާ މޭވާއެކެވެ. ސައިގެ ތެރެއަށް ލުނބޯ އެޅުމުން ޞިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބޭކަން ދިރާސާތަކުން ދައްކައެވެ.
ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ މިންވަރު މަތިކުރުން
ސައިގެ ތެރެއަށް ލުނބޯ އެޅުމުން ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް ގެ މިންވަރު އިތުރުވެ، އެއިން ލިބޭ ފައިދާ ބޮޑުކޮށްދެއެވެ. 2014 ވަނަ އަހަރު ޖާނަލް އޮފް ފުޑް ޕްރޮސެސިންގ އެންޑް ޓެކްނޮލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގްރީން ޓީއަށް ލުނބޯ އެޅުމުން، ޕޮލީފެނޯލްސް ކިޔާ މާއްދާއަށް ބަދަލުތަކެއް އާދެއެވެ. ލުނބޮލަކީ އެސްކޯރބިކް އެސިޑް ނުވަތަ ވިޓަމިން ސީގެ މަސްދަރެއް ކަމަށްވާތީ، ލުނބޯ ސައިގެ ކޮންމެ 100 މިލިލީޓަރެއްގައި 30 މިލިލީޓަރުގެ އެސްކޯރބިކް އެސިޑް ހިމެނޭކަން ފާހަގަކުރެވުނެވެ. މިކަމުގެ ސަބަބުން ގްރީން ޓީގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް ހަށިގަނޑަށް ނެގުން ފަސޭހަވެ، ކެޓެކިންސް ގެ މިންވަރު ހަގުނައާ ހަމައަށް އިތުރުވެއެވެ. ގްރީން ޓީ އެކޭ އެއްފަދައިން ރެޑް ޓީއަށް ވެސް ލުނބޯ އެޅުމުން މިފަދައިން ފައިދާވެގެންދެއެވެ.
2000 ވަނަ އަހަރު އިންޑިއަން ޖާނަލް އޮފް ފިޒިއޮލޮޖީ އެންޑް ފާމަކޮލޮޖީގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ރެޑް ޓީގައި ހިމެނޭ ޕޮލީފެނޯލްސް ބަނޑުގައި ހުންނަ ހަޖަމުކުރާ އެސިޑްގެ ސަބަބުން ބައިބައިވެގެންދެއެވެ. ލުނބޯ އެޅުމުން ވެސް މިކަން ހިނގާ، ތިއަރޫބިގެންސް އާއި ތިއާފްލެވިންސް ބައިބައިވެ، އެންޓިއޮކްސިޑެންޓްގެ ފައިދާ ލިބުން ފަސޭހަވެއެވެ.
ކާނާއިން ދަގަނޑު ނެގުމަށް ސައިގެ އަސަރު ކުޑަކުރުން
ސައިގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކާނާގައި ހިމެނޭ ދަގަނޑު ހަށިގަނޑަށް ނެގުމަށް ހުރަސްއަޅައެވެ. 2014 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ލުނބޯ އެޅި ގްރީން ޓީ ބުއިމަކީ މި އަސަރު ކުޑަކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ބަރުދަން ލުއިކުރުމަށް ލުނބޯ ސައި
ލުނބޯ ސައިގެ ތެރެއަށް އެޅުމުން ބަރުދަން ލުއިކުރުމަށް ވަކި އަސަރެއް ކުރާކަން ދައްކުވައިދޭ ވަކި ދިރާސާއެއް ނެތް ނަމަވެސް، ލުނބޯ ސަޔަކީ ބަރުދަން ލުއިކުރުމަށް އެކުލަވާލާފައިވާ ކާނާގެ ޕްލޭނެއްގައި ހިމެނޭނެ އެންމެ ރަނގަޅު އެއް ބުއިމެވެ. އެއީ މިއީ ޞިއްޙަތަށް ފައިދާހުރި، އަދި ކެލޮރީސް ވަރަށް މަދު ބުއިމަކަށް ވާތީއެވެ. ނަމަވެސް، ބަރުދަން ލުއިކުރުމަށް ހަމައެކަނި ލުނބޯ ސައި ބުއިމަކީ ބަރުދަން ލުއި ވާނެ ކަމެއް ނޫނެވެ.
 
                             
                                         
                 
                                             
                                            