ކުޅިވަރު

މި ސީޒަންގައި ތިންވަނަ ފަހަރަށް ކްރިސްޓަލް ޕެލެސްއިން ލިވަޕޫލް ބަލިކޮށްފި

މި ސީޒަންގައި ތިންވަނަ ފަހަރަށް ކްރިސްޓަލް ޕެލެސްއިން ލިވަޕޫލް ބަލިކޮށްފި

ޕެލެސްގެ އިސްމައިލާ ސާރ ވަނީ މިހާތަނަށް މި ސީޒަންގައި 6 ގޯލު ކާމިޔާބުކޮށްފައި / ފޮޓޯ: ޕީއޭ މީޑިއާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޮކްޓޯބަރު 2025، 08:03

30 އޮކްޓޯބަރު 2025، 08:03

ކަރަބޯ ކަޕްގެ ގަދަ-16ގައި ރޭ ކްރިސްޓަލް ޕެލެސްއިން 3-0އިން ލިވަޕޫލް ބަލިކޮށްފިއެވެ. މިއީ މި ސީޒަންގައި އެ ޓީމުން ލިވަޕޫލް ބަލިކުރި ތިންވަނަ ފަހަރެވެ. 

އެންމެ ފުރަތަމަ މި ދެ ޓީމު ބައްދަލުކޮށްފައި ވަނީ ސީޒަންގެ ކޮމިއުނިޓީ ޝީލްޑް މެޗުގައެވެ. އެ މެޗު 2-2އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރީ ޕެލެސްއެވެ. އެއަށްފަހު ޕެލެސްއިން ވަނީ މިދިޔަ ސެޕްޓެންބަރު މަހު ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް 2-1އިން ކާމިޔާބުކޮށްފައެވެ.

ރޭ އެންފީލްޑްގައި ކުޅުނު ކަރަބޯ ކަޕްގެ މެޗަށް ލިވަޕޫލްގެ ކޯޗު އާރނޭ ސްލޮޓު ނެރެފައި އޮތް ޓީމުގައި 20 އަހަރުން ދަށުގެ 3 ކުޅުންތެރިން ހިމެނެއެވެ. އަދި އެންމެ ފަހުން ލީގުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ނެރުނު ޓީމަށް 10 ބަދަލެއް ގެނަސްފައިވެއެވެ.

މީގެ އިތުރުން ޓީމުގެ ބެންޗުގައި ވެސް 21 އަހަރުން މަތީގެ އެއްވެސް ކުޅުންތެރިއަކު ނެތެވެ. އެގޮތުން ވަރޖިލް ވެން ޑައިކް، އިސްމައިލާ ކޮނާޓޭ، ޑޮމިނިކް ސޯބޯޒްލާއި، ކޯޑީ ގަކްޕޯ، ފްލޯރިއަން ވާރޓްޒް އަދި މުޙައްމަދު ސަލާޙް ވެސް މި މެޗުގެ ސްކޮޑުގައި ހިމަނާފައި ނުވެއެވެ. 

ފާއިތުވި 4 ސީޒަންގެ ތެރެއިން 2 ސީޒަންގައި ކަރަބޯ ކަޕް ކާމިޔާބުކޮށްފައިވާ ލިވަޕޫލަށް މެޗު ގެއްލުނީ، ޑިފެންސް ލައިނުން ހެދުނު ގޯސްތަކާއެކު، ޕެލެސްގެ އިސްމައިލާ ސާރ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 4 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ގޯލާއެކުއެވެ. އަދި އެ ޓީމުގެ ފަހު ގޯލު ކާމިޔާބުކުރީ މެޗު ނިމެނިކޮށް ޔެރެމީ ޕިނޯއެވެ.

ދެ ގޯލު ފަހަތުގައި ވަނިކޮށް، ލިވަޕޫލްއަށް އިތުރަށް އުނދަގޫވީ އެ ޓީމުގެ 18 އަހަރުގެ ޑިފެންޑަރު، އަމަރާ ނަލޯ ކައިރިން ޕެލެސްގެ ޖަސްޓިން ޑެވެނީ ނައްޓާލިފަހުން އޭނާއަށް ކުރި ފައުލަކަށް ދެއްކި ރަތްކާޑުންނެވެ. 

އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިން 6 މެޗުން ބަލިވެފައިވ ލިވަޕޫލްއަށް ކުރިއަށް ވެސް އޮތީ އުނދަގޫ މެޗުތަކެކެވެ. އެގޮތުން މި ހަފްތާ ބަންދުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު އޮތްއިރު، ހަފްތާގެ މެދުތެރެއިން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ބައްދަލުކުރަން ޖެހޭނެއެވެ. އެއަށްފަހު 9 ނޮވެންބަރުގައި އޮންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން