ޚަބަރު
2026 ވަނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
2026 ވަނަ އަހަރުގެ ބަޖެޓު ފޮޓޯ: މަޖިލިސް
އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
ހުށަހެޅިފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރަށް ލަފާކުރާ ޚަރަދުގެ ޖުމްލަ އަދަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މި ޚަރަދުގެ ތެރެއިން، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ ހިމެނެއެވެ.
މާލީ ވަޒީރު ވިދާޅުވީ، އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި ބަޖެޓަކީ، ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލްކުރުމަށްޓަކައި އެކުލަވާލާފައިވާ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުން މި ބަޖެޓް ދިރާސާކޮށް، ބަހުސްކުރުމަށްފަހު ފާސްކުރާނެއެވެ.