Ads by Stelco

ޚަބަރު

އަންނަ އަހަރު އިގުތިސާދީ ދުވެލި %5.3 ކުރިއަރާނެކަމަށް ބަޖެޓްގައި އަންދާޒާކޮށްފި

އަންނަ އަހަރު އިގުތިސާދީ ދުވެލި %5.3 ކުރިއަރާނެކަމަށް ބަޖެޓްގައި އަންދާޒާކޮށްފި

ދިވެހިރާއްޖެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޮކްޓޯބަރު 2025، 02:51

30 އޮކްޓޯބަރު 2025، 02:51

އަންނަ އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި 5.3 އިންސައްތަ ކުރިއަރާނެކަމަށް ދައުލަތުގެ ބަޖެޓްގައި އަންދާޒާކޮށްފިއެވެ. މި އަންދާޒާ އާންމުކޮށްފައިވަނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.

ބަޖެޓް ހުށައަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިސާދީ ދުވެލި ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވާއިރު އިޤްތިޞާދީ މައިގަނޑު ހުރިހައި ސިނާއަތެއްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ، ދިވެހި އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާއަށް މި އަހަރުވެސް އައި ކުރިއެރުމާއި، އަންނަ އަހަރުވެސް އެ ދާއިރާއަށް އިތުރު ކުރިއެރުންތައް އަންނާނެކަމަށް ލަފާކުރެވޭތީއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް މިއީ ވަރަށްވެސް ކުރިއެރުން ބޮޑު އަހަރެކެވެ. މީގެ ކުރިން ކޮންމެ އަހަރެއްގެ މެދުތެރޭގައި ފަތުރުވެރިންގެ އަދަދު ދަށަށްދިޔަނަމަވެސް، މިއަހަރުގެ ލޯ ސީޒަންގައި އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އަންނަ އަހަރު ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއަހަރުގެ ތެރޭގައި މުދަލުގެ އިމްޕޯޓުތަކަށް އައި ކުރިއެރުމަށް ބިނާކޮށް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ. މަސްވެރިކަމުގެ ސިނާއަތް މިދިޔަ އަހަރު ދަށްވިނަމަވެސް، އަންނަ އަހަރު މި ސިނާއަތްވެސް ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

2026 ވަނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކުރެވޭ. 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައި

ވަޒީރު 

އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުންކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓްއިން ކުރިއަރާނެކަމަށްވެސް ބަޖެޓްގައި ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށްވެސް އަންނަ އަހަރަށް ހުށައެޅި ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން