ޚަބަރު
2026 ވަނަ އަހަރުގެ ބަޖެޓުން، ސަރުކާރުން ދައްކަންޖެހޭ 600 މިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ނިންމޭނެ: މާލީ ވަޒީރު
 
                    ވަޒީރު ބަޖެޓު ހުށަހެޅުއްވުން--
2026 ވަނަ އަހަރުގެ ބަޖެޓުން، ސަރުކާރުން ދައްކަންޖެހޭ 600 މިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ފަސޭހަކަމާއެކު ދައްކާ ނިންމޭނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި ރާއްޖޭގެ އިޤުތިޞާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރުން ގެނައި މުހިންމު ބަދަލުތަކާ އެކު، މިހާތަނަށް ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިން ގަޑިއަށް އަދާކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، މިއަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށާއި، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެއާއެކު، 200 މިލިޔަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައިހުރި ކަމަށް އަންދާޒާކުރެވޭކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް ނާޒުކު އިޤުތިޞާދީ ހާލަތުން އަރައިގަނެ، ބޭރުގެ ދަރަނި ގަޑިން ގަޑިއަށް ދައްކާނެކަމުގެ ޔަޤީންކަން އޮންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފާވާ ކަމަށެވެ. އަދި ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އެ ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާވެސް ހިމެނޭ ކަމަށާއި، ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭކަމަށާއި، ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރެވޭނެކަމަށް ވިދާޅުވިއެވެ.
މި އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            