ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއަރނެސް ސެޝަނެއް ބާއްވައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއަރނެސް ސެޝަނެއް ބޭއްވުން.
ފަރުދުން
30 އޮކްޓޯބަރު 2025، 04:35
30 އޮކްޓޯބަރު 2025، 04:35
އަޑުއެހުމުގެ ހިއްސު ނުވަތަ ލޮލުގެ ފެނުމުގެ ހިއްސުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސައިބަރ އެވެއަރނެސް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ، ސައިބަރ އެވެއަރނެސް މަންތްގެ ގޮތުގައި ފާހަގަކުރާ މި އޮކްޓޫބަރު މަހުގައި، "އެކުވެރި ފުލުހުން"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވުނު ސެޝަނެކެވެ.
ފުލުހުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ވީހައި ވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން، ގޫގުލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރަތްބަހުން (ސައިން ލެންގުއޭޖުން) ވެސް ފޯރުކޮށްދީފައިވެއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28ވަނަ ދުވަހުގެ ރޭ ޢިމާދުއްދީން ސްކޫލުގައެވެ. ގަލޮޅު ޕޮލިސް ނެއިބަރހުޑްއިން އިންތިޒާމުކޮށްގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރަންޓްލައިން ޕޮލިސްގެ ހުރިހައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.
ފުލުހުން ހާމަކުރާ ގޮތުގައި، އިންޓަރނެޓް ބޭނުންކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން މި ސެޝަންގައި ކިޔައިދީފައިވާނެއެވެ. އަދި އިޖުތިމާއީ ވިޔުގަތައް ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމައި ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ހަމަ އެހެންމެ، އޮންލައިންކޮށް ފައިސާގެ މުއާމަލާތްކުރާ ނަމަ، ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުއާމަލާތެއް ނުކުރުމަށާއި ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ ވީހައި ވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް މި ސެޝަންގައި ފުލުހުން ވަނީ ކިޔައިދީފައެވެ. އަދި ބެންކު އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތާއި އޯ.ޓީ.ޕީ. އެހެން މީހުންނާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެ ކަންކަން ދަސްކޮށްދީފައިވެއެވެ.
މީގެ އިތުރުން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގަމުންދާ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށާއި އެ ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތާއި ކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް މި ސެޝަން މެދުވެރިކޮށް ފުލުހުން ވަނީ ކިޔައިދީފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިhttps://t.co/ZTbCXjgbib pic.twitter.com/XT6q7q7sNh
— Maldives Police (@PoliceMv) October 30, 2025