ކޮލަމް
ޢާއިލީ ގުޅުންތަކަކީ ހަމައެކަނި ލެޔާއި ނަޞަބުގެ ގުޅުމަކަށްވުރެ މާ މަތިވެރި، ހިތްތަކާއި ފުރާނަތައް ގުޅުވައިދޭ ބާރެއް
 
                    ޢާއިލާއެއްގެ ކުރެހުމެއް--
ހުލާސާ
އިންސާނާގެ ޙަޔާތުގައި އެންމެ އަސާސީ އަދި އެންމެ މުހިންމު އެއް މުއައްސަސާއަކީ ޢާއިލާއެވެ. ޢާއިލީ ގުޅުންތަކަކީ ހަމައެކަނި ލެޔާއި ނަސަބުގެ ގުޅުމަކަށްވުރެ މާ މަތިވެރި، ހިތްތަކާއި ފުރާނަތައް ގުޅުވައިދޭ ބާރެކެވެ. އިސްލާމްދީނުގައި ވެސް ޢާއިލީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާއިރު، ރަޙިމުގެ ގުޅުން ކަނޑާލުމަކީ ބޮޑު ފާފައެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ. މި ގުޅުންތަކަކީ އިންސާނާގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ ކަމެކެވެ.
ޢާއިލީ ގުޅުންތަކުގެ ވާހަކަ މުޖުތަމަޢުގައި ދެކެވޭ މިންވަރު މިއަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް ދިވެހި މުޖުތަމަޢުގައި ޢާއިލީ ގުޅުންތަކަށް ދެވޭ އަހައްމިއްޔަތު ވަރަށް ބޮޑެވެ. އެކަކު އަނެކަކަށް އެހީތެރިވުމާއި، ބަލިވެއުޅޭ މީހުންނަށް ޒިޔާރަތްކުރުމާއި، އުފާވެރިކަމެއް ނުވަތަ ހިތާމަވެރި ދަނޑިވަޅުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަކީ އަހަރެމެންގެ ތެރޭގައި އޮންނަ ވަރަށް ރީތި ސަޤާފަތެކެވެ. ޢާއިލީ އެއްބައިވަންތަކަން ކުޑަވުމުން ދިމާވާ ދަތިތަކާއި، ގުޅުން ކެނޑުމުން ދިމާވާ ހިތްދަތިކަމުން ވެސް މީހުންގެ ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.
ޢާއިލީ ގުޅުން ދެމެހެއްޓުމުގެ ފައިދާތައް ނުހަނު ގިނައެވެ. އެކަމުގެ އެންމެ ބޮޑު ފައިދާއަކީ، އިންސާނާގެ ނަފްސަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމެވެ. އޭނާއަށްޓަކައި ވަކި ބަޔަކު ތިބިކަމުގެ އިޙްސާސްވުމުން އޭނާގެ ހިތަށް ހިތްވަރާއި، ޝުކުރުވެރިކަން ލިބެއެވެ. ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ޢާއިލާގެ އެހީތެރިކަމާއި، ވަށައިގެންވާ މާހައުލަކީ އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ ބާރެކެވެ. އިޖުތިމާޢީ ގޮތުން ބަލާއިރު، ޢާއިލީ ގުޅުންތަކުން މުޖުތަމަޢު ބަދަހިވެ، އެކުވެރިކަން އިތުރުވެއެވެ. ކުށްތައް މަދުވެ، ހެޔޮލަފާ ސުލޫކު އިތުރުވެއެވެ. އަދި ދީނީ ގޮތުން ބަލާއިރު، ޢާއިލީ ގުޅުން ދެމެހެއްޓުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުން ލިބި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިދޭ ކަމެކެވެ.
މި ގުޅުންތައް ނެތިގެންދިޔުމުން ނުވަތަ ބަލިކަށިވުމުން އެތައް ގެއްލުންތަކެއް ކުރިމަތިވެއެވެ. މީހުންގެ މެދުގައި އޮންނަ އޯގާވެރިކަމާއި ރަޙުމް ކުޑަވެ، އެކަނިވެރިކަން އިޙްސާސްވާ މީހުންގެ ޢަދަދު އިތުރުވެއެވެ. މިއީ ނަފްސާނީ ބަލިތައް އިތުރުވާ އެއް ސަބަބެވެ. މުޖުތަމަޢުގައި އިޖުތިމާޢީ މައްސަލަތައް އުފެދި، ކުށްތައް ގިނަވެ، ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ނުލިބުމަށް މަގުފަހިވެއެވެ. މައިންބަފައިންނަށް އިޙްތިރާމް ނުކުރުމާއި، ދޮށީ މީހުންނަށް ކުލުނު ނުދިނުން ފަދަ ނޭދެވޭ ސިފަތައް ފެތުރިގެންދެއެވެ. ޢާއިލީ ގުޅުންތައް ކެނޑިގެންދިޔުމަކީ މުޖުތަމަޢު ބައިބައިވެ، އެއްބައިވަންތަކަން ގެއްލިގެންދާނެ ކަމެކެވެ.
ޢާއިލީ ގުޅުންތަކަކީ ހަމައެކަނި އިންސާނީ ގުޅުންތަކެއް ނޫނެވެ. އެއީ މުޖުތަމަޢެއްގެ އުސްތަނބު ކަމުގައިވާ، އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއަކަށް ނުފޫޒު ފޯރުވާ، ވަރަށް ބޮޑު އަދި މުހިންމު ކަމެކެވެ. އެއީ އިންސާނާގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ، އަދި ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަގުފަހިކޮށްދޭ އަސާސެކެވެ.
ޢާއިލީ ގުޅުންތަކުގެ މުހިންމުކަން ދަނެ، އެ ގުޅުންތައް ދެމެހެއްޓުމަށް އަހަރެމެން ހުރިހާ އެންމެން ވެސް ގަދައަޅާ މަސައްކަތްކުރުމަކީ އުފާވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކުގައި، އެކުވެރިކަމާއެކު އުޅެވޭނެ ހެޔޮ ރިވެތި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ޢާއިލީ ގުޅުންތަކަށް އަބަދުވެސް އަހައްމިއްޔަތު ދޭންޖެހެއެވެ.
 
                             
                                         
                 
                                             
                                            