ކުޅިވަރު
އިޓަލީގެ ކްލަބަކާއި ހަވާލު ނުވާން ނިންމައިގެން ހުރި ސްޕަލެޓީ ޔުވެންޓަސްއާ ހަވާލުވެއްޖެ
ސްޕަލެޓީ ޔުވެންޓަސްއާ ހަވާލުވީ ޖޫން 2026ގެ ނިޔަލަށް---
ނަޕޯލީއާކު 2023ގައި ހޯދި ތާރީޙީ ކާމިޔާބަށްފަހު އިޓަލީގެ ކްލަބަކާއި ހަވާލު ނުވާން ނިންމައިގެން ހުރި ލޫސިއާނޯ ސްޕަލެޓީ ޔުވެންޓަސްގެ ކޯޗެއްގެ މަޤާމަށް ހަމަޖައްސައިފިއެވެ.
ޔުވެންޓަސްގެ ކޯޗެއްގެ މަޤާމުގައި ހުރި އިގޯރ ޓުޑޯރ ވަޒީފާއިން ވަކިކުރުމަށްފަހު އެ މަޤާމަށް ސްޕަލެޓީ ހަމަޖައްސާ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާއަކީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމެވެ. އެގޮތުން އޭނާއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އުމުރުން 66 އަހަރުގެ ސްޕަލެޓީ ނަޕޯލީއާއެކު ހޯދި ކާމިޔާބީގެ އިތުރުން، އޭނާ އަކީ ރޯމާ އާއި އިންޓަރ މިލާންއަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދިން، އިޓަލީގައި ކާމިޔާބު ކޯޗެކެވެ.
ނަމަވެސް އިޓަލީގެ ޤައުމީ ޓީމާއެކު އޭނާއަށް ރަގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އެގޮތުން ޔޫރޯ 2024ގައި ތަށި ދިފާއުކުރަން ނިކުތް އިޓަލީއަށް ރަގަޅު ނަތީޖާތަކެއް ނުނެރެވި، ވޯލްޑް ކަޕް 2026ގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ނޯރވޭ އަތުން ބަލިވުމަކީ، ޤައުމީ ޓީމުގެ ވަޒީފާގައި ދެމިހުރުމަށް އޭނާއަށް ކުރިމަތިވި ހުރަސްތަކެވެ.
އޭގެ ފަހުން ޔުވެންޓަސްއާ ހަވާލުވިއިރު، މިއީ އެ ޓީމުގެ އަސްލު ސިފަ ގެއްލިފައިވާ ދުވަސްވަރެކޭ ވެސް ބުނެވިދާނެއެވެ. މިދިޔަ އަހަރު އެ ޓީމަށް ވަނީ 58 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ. އަދި 2022ގައި ކްލަބުގެ ބޯޑުގެ ގިނަ މެންބަރުންތަކެއް ވަކިވުމާ ގުޅިގެން ކުރިމަތިވި ގެއްލުންތަކުން އަދިވެސް އެ ޓީމަށް އަރައިގަނެވިފައެއް ނުވެއެވެ.
މިދިޔަ ބުދަ ދުވަހުގެރޭ އުޑުނޭޒީއާ ދެކޮޅަށް ޔުވެންޓަސް ހޯދި 3-1ގެ ކާމިޔާބަކީ ސެޕްޓެންބަރު މަހުގެ ފަހުން އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެހެންކަމުން ޓީމު މިވަގުތު އޮތީ ލީގުގެ 7ވަނައިގައެވެ.
ސްޕަލެޓީގެ ފުރަތަމަ މެޗުގައި ޔުވެންޓަސް ނިކުންނާނީ، މި ސީޒަންގައި ސިރީ އޭއަށް ކޮލިފައިވުމަށްފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްރެމޮނީސްއާ ދެކޮޅަށެވެ. މިހާތަނަށް ލީގުގައި ކުޅުނު 9 މެޗުން ހޯދި 14 ޕޮއިންޓާއެކު އެ ޓީމު 8ވަނައިގައި އޮތްއިރު، ޔުވެންޓަސް އެ ޓީމަށް ވުރެ ކުރީގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގުންނެވެ.