ރިޕޯޓް

ނުކުޅެދުންތެރިކަމަށް ނުބަލައި ޤާބިލުކަމަށް ބަލާށެވެ!

ނުކުޅެދުންތެރިކަމަށް ނުބަލައި ޤާބިލުކަމަށް ބަލާށެވެ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެއް/ފޮޮޓޯ: ބީއެމްއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

31 އޮކްޓޯބަރު 2025، 07:40

31 އޮކްޓޯބަރު 2025، 07:40

ދިވެހި މުޖްތަމަޢުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކު، ދިރިއުޅުމުގެ އެކި ދާއިރާތަކުން އިޖްތިމާޢީ ގޮތުން އެކަހެރިކުރެވުމުގެ ތަފާތު ތަޖުރިބާތަކާ ކުރިމަތިލަމުންދެއެވެ. ޚާއްޞަކޮށް ވަޒީފާގެ މާޙައުލުގައި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަކީ ސަމާލުކަންދޭންޖެހޭ މުހިންމު މައްސަލައެކެވެ. އިންސާނީ ހައިސިއްޔަތުން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްޤުތަކާއި ފުރުޞަތުތައް ހަމަހަމަގޮތެއްގައި ލިބިދިނުމަކީ ތަރައްޤީވެފައިވާ މުޖްތަމަޢެއްގެ އެންމެ އަސާސީ އެއް ސިފައެވެ.

ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ހަމަހަމަ ފުރުޞަތުތައް ނުލިބޭކަން ފާހަގަކުރެވެއެވެ. މި ރިޕޯޓުގައި ބަލާލާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ އެކަހެރިކުރުމާއި، އެކަމުގެ ސަބަބުން އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށެވެ.

ވަޒީފާގެ ފުރުޞަތު މަދުކަމާއި ދަތިތައް:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެވެއެވެ. ވަޒީފާ ހޯދަން މަސައްކަތްކުރާ އެފަދަ ފަރާތްތަކަށް ވަޒީފާގެ އިންޓަވިއުތަކުންނާއި އެހެނިހެން މަރުޙަލާތަކުން ވެސް ފާޅުގައި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހެއެވެ. ގިނަ ކުންފުނިތަކާއި މުއައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށޭނަ މަސައްކަތުގެ މާޙައުލެއް ޤާއިމުކޮށްފައި ނުހުރުމަކީ މިކަމަށް މެދުވެރިވާ މުހިންމު ސަބަބެކެވެ.

މިސާލަކަށް، ވީލްޗެއަރ ބޭނުންކުރާ މީހުންނަށް ދަތުރުފަތުރުކުރަން ފަސޭހަވާނެ ގޮތަށް އިމާރާތްތަކުގެ ރޭމްޕްތަކާއި ލިފްޓްތައް ނެތުމާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީގެ އެހީތެރިކަން ނެތުމަކީ ޢާންމުކޮށް ފެންނަ މަންޒަރުތަކެވެ. މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ކިބައިގައި ހުންނަ ޤާބިލިއްޔަތުތަކަށް ބެލުމެއް ނެތި، ނުކުޅެދުންތެރިކަމަށް ބަލައި ވަޒީފާ ނުދިނުމަކީ ޢާންމުކަމެކެވެ.

ވަޒީފާގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތައް:
ވަޒީފާއެއް ލިބުނު ކަމުގައި ވިޔަސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ބައެއް މީހުން ދެކެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މަސައްކަތަށް ނުކުޅަދޭ ބައެއް ކަމުގައެވެ. މިގޮތަށް ދެކޭ ގޮތްގޮތުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހި، މަސައްކަތް ކުރާ މާޙައުލުގައި އެކަހެރިކުރެވި، މުވައްޒަފުންގެ ތެރެއިން ބާކީވެއެވެ.

މިކަމުގެ ސަބަބުން އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އެފަދަ ފަރާތްތަކަށް މަސައްކަތުގެ ކުރިއެރުމުގެ ފުރުޞަތުތަކުން މަޙުރޫމުވެ، މުޖްތަމަޢަށް ބޭނުންތެރި ޚިދުމަތްތައް ދިނުމަށް ހުރަސްއެޅެއެވެ. ބައެއްފަހަރު މަސައްކަތުގެ މާޙައުލުގައި އެފަދަ މީހުންނަށް ދިމާވާ އުނދަގޫތަކަށް ޙައްލެއް ނުހޯދައި، އެމީހުންގެ މަސައްކަތް ހުއްޓާލުމަށް މަޖުބޫރުވެސް ކުރުވައެވެ.

އިޖްތިމާޢީ އެކަހެރިކުރުން:
ވަޒީފާގެ މާޙައުލުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބަދުވެސް މުޖްތަމަޢުގައި އިޖްތިމާޢީ އެކަހެރިކުރުމެއް ކުރިމަތިވެއެވެ. މީސްމީހުންގެ ދެކޭގޮތާއި، މުޖްތަމަޢުގެ ބޮޑުބައިގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ނުގުޅޭ ކަންކަމުގެ ސަބަބުން އެފަރާތްތައް މުޖްތަމަޢުން ބާކީކުރެވޭތަން ފެނެއެވެ. މިއީ އެފަރާތްތަކުގެ ޝަޚްޞިއްޔަތު ބިނާކުރުމަށާއި، އަމިއްލައަށް ކަންކަން ކުރުމަށް އޮންނަ ހިތްވަރަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. ޢާއިލާތަކުން ވެސް ބައެއް ފަހަރު މިފަދަ ފަރާތްތަކަށް އެހީތެރިކަން ނުދީ ބާކީކުރެވޭ ތަންތަން ފެނެއެވެ. މުޖްތަމަޢުގެ ޢާންމު ޙަރަކާތްތަކާއި، އިޖްތިމާޢީ އެއްވުންތަކުގައި ބައިވެރިނުކުރެވުމަކީ އެފަރާތްތަކުގެ ހިތްތަކުގައި ބޮޑު ހިތާމައެއް އުފައްދާ ކަމެކެވެ.

"އެއީ ވެސް މުޖްތަމަޢުއަށް ވަރަށް ބޭނުންތެރި ބައެއް":
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް މުޖްތަމަޢަށް އެތައް ފައިދާއެއް ގެނެސްދެވޭނެ، ޤާބިލު ބައެކެވެ. އެފަރާތްތަކުގެ ކިބައިގައި ހުންނަ ޚާއްޞަ ހުނަރުތަކާއި، އާދަޔާ ޚިލާފު ހިތްވަރުގެ ސަބަބުން މުޖްތަމަޢުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. މީހާގެ ހުންނަ އުނިކަމެއްގެ ސަބަބުން އެއްވެސް މީހަކު މުޖްތަމަޢުން ބާކީކުރުމަކީ އިންސާފެއް ނޫނެވެ. ކޮންމެ އިންސާނަކަށް ވެސް ލިބިގެންވަނީ ހަމަހަމަ ފުރުޞަތުތަކާއި، ހައްޤުތަކެވެ. އެފަރާތްތަކަށް އެކަށޭނަ ތަމްރީނާއި، ތައުލީމީ ފުރުޞަތުތައް ދީފިނަމަ، އެމީހުންނަށް އެތައް ކަމެއް ހާސިލުކުރެވި، މުޖްތަމަޢަށް ފަޚުރުވެރި ޚިދުމަތްތައް ދެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލުގައި އެކަހެރިކުރުމާއި، އިޖްތިމާޢީ ގޮތުން ބާކީކުރުމަކީ ޙައްލުކުރަން ޖެހިފައިވާ މުހިންމު މައްސަލައެކެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި، ޢާންމު ފަރުދުންގެ ބައިވެރިވުން މުހިންމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، މަސައްކަތުގެ މާޙައުލު އެފަދަ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ބައްޓަންކުރުމަކީ ކުރަންޖެހޭ އަސާސީ މަސައްކަތްތަކެވެ.

ހަމަ އެހެންމެ، މުޖްތަމަޢުގައި އެފަދަ ފަރާތްތަކާމެދު އޮންނަ ނޭދެވޭ ގޮތްގޮތް ބަދަލުކޮށް، އެފަރާތްތަކަކީ ވެސް މުޖްތަމަޢުގެ މުހިންމު ބައެއްކަން ޤަބޫލުކޮށް، އެއްބައިވަންތަކަމާއެކު އެކުގައި އުޅުމުގެ މުހިންމުކަން ހަނދާންކޮށްދިނުން މުހިންމެވެ. މިކަންކަން ހާސިލުކުރެވިއްޖެނަމަ، ދިވެހިރާއްޖެއަކީ އެންމެންނަށް ވެސް ހިފެހެއްޓެނިވި އަދި ހަމަހަމަ މުޖްތަމަޢަކަށް ވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން