ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފި!
ވީއައިއޭގެ އައު ޓާމިނަލުން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފޮޓޯ: ވެލާނާ އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން، އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ވީއައިއޭގެ ޓާމިނަލްގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.
ޓާމިނަލް 1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި މިއަދު ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަރުކާރުގެ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އާއި އެމްއޭސީއެލް (މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް) ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނެވެ. މި ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ 1976 ގައެވެ. އެއާ އިންޑިއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށާފައިވާ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފައެވެ. ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒު ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.