ވިޔަފާރި / ޚަބަރު
ރާއްޖޭގެ ޤައުމީ އެއާލައިނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަން ނިންމައިފި
މޯލްޑިވިއަންގެ ބޯޓެއް/ފޮޓޯ: އެޓޯލް ޓައިމްސް
ރާއްޖޭގެ ޤައުމީ އެއާލައިން (މޯލްޑިވިއަން) އިން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ދަތުރުތައް ފަށަން ނިންމައި، މިހާރު ވަނީ ޖެނެރަލް ޕެސެންޖާ ސޭލްސް އެޖެންޓް (ޖީއެސްއޭ) އެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
އެ އެއާލައިނުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށެވެ. އެގޮތުން، މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަނީ މި އަންނަ 2026 ވަނަ އަހަރުގެ ތެރޭގައިކަމަށް އެ އެއާލައިނުން މަޢުލޫމާތުދެއެވެ. އައިލެންޑް އޭވިއޭޝަނުން ކުރި އިޢުލާނެއްގައި ބުނީ، މޯލްޑިވިއަންގެ 'އޭ330-200' މަރުކާގެ މަތިންދާބޯޓު ބަންގްލަދޭޝްއަށް އޮޕަރޭޓް ކުރުމަށް އެ ޤައުމުން ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އެއް ހޯދަން ބޭނުންވާ ކަމަށެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަދި [email protected] ، [email protected] އަށް މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން މެއިލް ކުރުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ އެދިފައެވެ.
މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ 2 މަންޒިލެއް ކަމަށްވާ ޓްރިވިންޑްރަމް އަދި ކޮޗިންގެ އިތުރުން ޗައިނާ، ތައިލެންޑް، އަދި މެލޭޝިއާއަށް ވެސް ދަތުރު ކުރެއެވެ.