ޚަބަރު
ސްކޫލްތަކުން ވޭޕް ފެންނަ ވަރު އެތައް ގުނައަކަށް މަދުވެއްޖެ: މިނިސްޓަރު ޝަފީއު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޮޓޯ: އެޑިޝަން
ދިވެހިރާއްޖޭގެ ސްކޫލްތަކުން ވޭޕް ސްޓިކް ފެންނަ ވަރު ވަރަށް ބޮޑަށް މަދުވެ، މިހާރު ހަފުތާއެއްގެ މައްޗަށް 1-2 ވޭޕް ސްޓިކް ވެސް ނުފެންނަ ކަމަށް ބުނެވޭ ވަރަށް މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ. މިކަން ހާމަކުރެއްވީ، ސަރުކާރުން އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން"ގެ ހާއްސަ ޓީވީ ކަވަރޭޖަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ. ނަމަވެސް، މިހާރުގެ ހާލަތަކީ މުޅިން ތަފާތު ހާލަތެއް ކަމަށާއި، މި ކާމިޔާބީއަކީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން މަނާކުރުމުން ލިބުނު ކުރިއެރުމެއް ކަމަށް ފާހަގަކުރެއްވި އެވެ.
"ވޭޕް މަނާކުރުމަކީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް. 'ޖެނެރޭޝަނަލް ބޭން'އަކީ ވެސް އެއާ ގުޅިގެން އައި ނިންމުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ މި މުހިންމު ނިންމުންތަކާ ގުޅިގެން ރާއްޖެއަކީ މިހާރު މުޅި ދުނިޔެއަށް ނަމޫނާ ގައުމަކަށް ވެފައިވާ ކަމަށް ވެސް ޑރ. ޝަފީއު ވިދާޅުވި އެވެ. މިއީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި ކޮންމެ އަހަރަކު 150 އެއްހާ ދިވެހިން މަރުވާކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށެވެ. އަދި ދުންފަތް ރާއްޖެއަށް އިމްޕޯޓްކުރުމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަވާ ކަމަށާއި، މީގެ ސިއްހީ، އިގްތިސާދީ އަދި އިޖުތިމާއީ އަސަރުތައް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބޭކޯ ސާވޭ (ޖީވައިޓީއެސް)ގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން"އަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ، އުމުރު ކަށަވަރު ކުރުމަށް ފަހުގައި ނޫނީ ދުންފަތުގެ ބާވަތްތައް ވިއްކޭނެ ގޮތެއް ނޯންނާނެ އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށް މިކަން ކާމިޔާބުކުރެވިއްޖެނަމަ، ﷲ އިރާދަކުރެއްވިޔާ ރާއްޖެއަށް ވަރަށް އުފާވެރިކަމެއް ލިބޭނެ ކަމަށެވެ.